29 ޖުލައި 2025 - 20:50

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ތިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.
ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލާފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. އޭރު ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ފުރުސަތު އަލުން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 12ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް، އެ ފުރުސަތު އަލުން ހުޅުވައިލި ސީދާ ސަބަބެއް ސާފެއް ނޫނެވެ.
ދައުރު ހަމަވާ މެމްބަރުންނަކީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މުހައްމަދު ފަރުޝަތު އަދި ފާތިމަތު ޝަރީފެވެ. ސީއެސްސީގެ މެމްބަރުކަމަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ ސެޕްޓެމްބަރު 2، 2020ގަ އެވެ.
އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ކުރިމަތިލުމަށް ދީފަވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން 12:00އަށެވެ.
ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.
ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުންގެ ތެރެއިން ރައީސް، މަޖިލީހަށް ފޮނުއްވާ ނަންތައް ދިރާސާކޮށް، ފާސް ކުރުމަށްފަހު ރައީސެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ 5 އަހަރުގެ މުއްދަތަކަށެވެ.