29 ޖުލައި 2025 - 19:50

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ހިންގަމުންދަނީ "ހީލަތްތެރި" ކެމްޕެއިނެއް ކަމަށާއި ކިތަންމެ ޕްރެޝަރެއް ކުރިޔަސް ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާރް ބުނީ ޣައްޒާގައި ހަމާސްގެ ބާރު އޮވެ އަދި ހަމާސްގެ އަތްދަށުގައި އިޒްރޭލުގެ ރަހީނުން ތިއްބާ އިޒްރޭލުން ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލާއި ފަަލަސްތީނުގެ އާންމުންނަށް ވެސް ނުރައްކަލަކަށް ވާނެ ކަމަށެވެ.
"އެކަމެއް ނުވާނެ. އިޒްރޭލަށް ކިތަންމެ ޕްރެޝަރެއް ކުރިޔަސް ނުވާނެ،" އޭނާ ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް މިހާރު ވަނީ 21 މަސް ދުވަސް ވެފަ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރާފައި ވާއިރު ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެހެންވެ އިޒްރޭލުން ހަމަލާތައް މެދުކަނޑާލައި އެހީގެ ސާމާނު ވެއްދުމާއި އެ ތަކެތި ބެހުމަށް އަމާން މާހައުލެއް ތަނަވަސްކޮށްދޭން އިޒްރޭލަށް ބައިނަލްއަގުވާމީ ޕްރެޝަރު މިހާރު ވަނީ ކުރިއަށްވުރެ ވެސް ބޮޑުވެފަ އެވެ.
ނަމަވެސް ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާރު ބުނީ ޣައްޒާގައި ދެމުންދާ ހަމަލާތަކަށް ޒިންމާވާންޖެހޭނީ ހަމައެކަނި ހަމާސް ކަމަށެވެ. ހަމަލާތައް ހުއްޓާލަން އިޒްރޭލަށް ކުރިމަތިކުރާ ޕްރެޝަރުން ބާރު ލިބެނީ ހަމާސް އަށް ކަމަށް އޭނާ ބުންޏެވެ.
"މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެ މީހުން ޑިމާންޑް ކުރާއިރު ހަގީގަތުގައި އޭގެ މާނައަކީ ކޮބާ؟ ޣައްޒާގެ ވެރިކަން ހަމާސްގެ ބާރުގެ ދަށުގައި އޮއްވައި ހަނގުރާމަ ހުއްޓާލަންވީތަ؟" އޭނާ ބުންޏެވެ.
އިޒްރޭލާއި ފަލަސްތީނަށް މިނިވަން ދެ ދައުލަތް ގާއިމުކުރުމުގެ ވާހަކަ އަލުން ދައްކަން ފަށައި ފްރާންސް ފަދަ ގައުމުތަކުން އެކަމަށް އާ މަސައްކަތްތަކެއް ކުރާތީ އެކަމަށް ވެސް ސާރް ފާޑުކި އެވެ.
"ފްރާންސްގެ ފޮރިން މިނިސްޓަރު އިއްޔެ ނިއު ޔޯކްގައި ވަނީ ދެ ދައުލަތުގެ ހައްލަކަށް އެއްބަސްވުމަށް ޔޫރަޕުން އިޒްރޭލަށް ޕްރެޝަރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި،" އޭނާ ބުންޏެވެ.
"ފަލަސްތީނުގެ ދައުލަތެއް މި ވަގުތު ގާއިމުކުރުމުގެ މާނައަކީ ހަމާސްގެ ބާރުގެ ދަށުގައިވާ ދައުލަތެއް އުފައްދައި، ޖިހާދީންގެ ދައުލަތެއް އުފެއްދުން. އެއީ ވާނެ ކަމެއް ނޫން."