29 ޖުލައި 2025 - 17:36

މޫސުން ގޯސްވެ، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވެފައިވާތީ، ޝޯޓޭޖަށް ހައްލެއް ހޯދުމަށްޓަކައި ފިޔާ ސްޓޮކެއް ގެންނަން އެސްޓީއޯ އިން ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ، ފިޔާ ގެނައުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އެ ކުންފުނިން އިސްނަގައިގެން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުންމީދު ކުރަނީ ވަރަށް އަވަހަށް އެސްޓީއޯ އަށް ފިޔާ ސްޓޮކް ގެނެސް ބާޒާރަށް ނެރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ބާޒާރުގައި ކާބޯތަކެތީގެ ޝޯޓޭޖެއް ދިމާވާ ކޮންމެ ފަހަރަކު، އެސްޓީއޯ އިން އަގުތައް ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ފަސޭހައިން އެ ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި އެހީވެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ފިޔާ ލިބުން ދަތިވުމުން، އެ ކުންފުނިން ފިޔާ ގެނެސްފައިވެ އެވެ. ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ އާއި ބިހާއި މިރުހާއި އަލުވި ފަދަ ބާވަތްތައް ވެސް، މީގެ ކުރިން ދަތިވާ ދަނޑިވަޅުތަކުގައި އެސްޓީއޯ އިން ބާޒާރަށް ނެރެ އެވެ.
ފިޔާގެ ޝޯޓޭޖެއް އައީ، މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ހުއްޓުމުންނެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މިވަގުތު މާލޭގެ ބަނދަރުގައި ހުރި ބައެއް ބައެއް ބޯޓުތަކުން ވެސް ސްޓޮކް ބޭލުމަށް ވަނީ ދަތިވެފަ އެވެ.
އެމްޕީއެލް އިން މިއަދު ބުނީ، ޕެރިޝަބަލް މުދާ ހިފައިގެން އައި ހަތަރު ބޯޓެއް މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ވެސް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އެއް ބޯޓު އައީ މިއަދު ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނީގެ ކާގޯ އޮޕަރޭޝަންސް އިން ދަނީ އިއްޔެ އިން ފެށިގެން ތިން ބޯޓަށް ހިދުމަތް ދެމުން. އެހެން ނަމަވެސް، ވިއްސާރައިގެ ސަބަބުން މުދާ ބޭލުމުގެ މަސައްކަތަށް ވަނީ ބުރޫއަރާފައި. މޫސުން ތަންދޭ މިންވަރަކުން، މި ކުންފުނީގެ ކާގޯ އޮޕަރޭޝަންސް އިން ދަނީ މުދާ ބޭލުމުގެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން،" އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ ބާޒާރުން ފިޔާ ހުސްވުމުގެ ކުރިން އަގުތައް އުޅުނީ ބަސްތާއެއް 350ރ.- 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 18ރ.-25ރ. އާ ދެމެދުގެ އަގެއްގަ އެވެ.