މުޅި ރާއްޖެ އަށް ވައިޓް އެލާޓް، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ
މުޅި ރާއްޖެ އަށް ވައިޓް އެލާޓް، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ

މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭތީ ސަމާލުވާން އެދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފި އެވެ.

މެޓުން އިން ބުނީ މިއަދު މެންދުރު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމަ އަށް މުޅި ރާއްޖެއަށް ވިއްސާރަވާނެ ކަމަށެވެ. ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި އެ ވަގުތު ރާޅުގެ އުސްމިނުގައި 7-4 ފޫޓު އުފުލޭނެ އެވެ.

ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރި އެވެ.

މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުން ރާއްޖެ އަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މާދަމާ އެވެ.

ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

މިދިޔަ ހަފުތާގައި ވެސް ރާއްޖެ އަށް މޫސުން ވަރަށް ބޮޑަށް ގޯސްވި އެވެ. ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންވި އެވެ.