29 ޖުލައި 2025 - 18:08

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި މިހާރު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

އެ 4،000 ފްލެޓަކީ ކުރީގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. އެފްޑީސީގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ، މިހާރު ކުންފުނީގެ ނަން ބަދަލުކޮށްފައި) އާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
އެ މަޝްރޫއުގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް ކުރިން ހިމަނާފައެއް ނުވެ އެވެ.
އެ މަސައްކަތްތަކާ ގުޅޭ ގޮތުން އެފްޑީސީގެ އެމްޑީ ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ފްލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތް ވެފައިވާ ކަމަށެވެ. ބާކީ މިހާރު ހުރީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)ގެ މަސައްކަތްތައް ކަމަށާއި މިހާރު އެ ފްލެޓްތަކުގައި ކުރަނީ އިބޫގެ ސަރުކާރުން ނުކުރަން ނިންމި ކަންކަން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
1. ބިލްޑިން ސައިނޭޖް
2. ސީސީޓީވީ ނެޓްވޯކް
3. ގާބޭޖް ޝޫޓް
4. ބޫމް ގޭޓް
5. ލޭންޑްސްކޭޕިން
6. ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން
7. އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން
8. އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން
9. ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް
10. ޝަފްޓް ޑޯ
11. އެކްސްޓާނަލް ގޭޓްސް
12. އިންޓަނެޓް އެންޑް މީޑިއާނެޓް
ހަމްދާން ވިދާޅުވިގޮތުގައި، ކުރީގެ ސަރުކާރުން ރާވާފައިވާ ގޮތުން ފެން، ކަރަންޓު އަދި އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ވެސް ކުރީގެ ސަރުކާރުން ރާވައިފައެއް ނެތެވެ.
"އަލްހަމްދުﷲ މިހާރު އެ މަސައްކަތްތައް ދަނީ މި ސަރުކާރުގައި ފަށައި، ބާރު ސްޕީޑުގައި ކުރެވެމުން،" ހަމްދާން ވިދާޅުވި އެވެ.
އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.