އަނަންޔާ ތާޖު މަހަލް ބަލައިލަން ހިނގައްޖެ
އަނަންޔާ ތާޖު މަހަލް ބަލައިލަން ހިނގައްޖެ

ފިލްމު ޝޫޓިންތަކުގައި ބިޒީކޮށް އުޅެމުން ބްރޭކެއް ނަގައި، ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ ތާޖު މަހަލް ބަލައިލަން ހިނގައްޖެ އެވެ.

އިންޑިއާގެ އާގަރާގައި ހުންނަ ތާރީޚީ ބިނާ ތާޖު މަހަލް ބަލަން ގޮސް ނަގާފައިވާ ބައެއް ފޮޓޯތައް އަނަންޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މިއަދު ހިއްސާކޮށްފަ އެވެ.

"ވާހ ތާޖު،" އެ ޕޯސްޓުގެ ކެޕްޝަންގައި އަނަންޔާ ލިޔެފައިވެ އެވެ.

ތާޖު މަހަލްގެ އެކި ދިމާލުން ނަގާފައިވާ ފޮޓޯތައް ހިއްސާކޮށް ކުރި އެ ޕޯސްޓުގައި މިއުޒިކަކަށް ހިމަނާފައި ވަނީ އޭއާރު ރަހްމާން އާއި ޖާވިދު އަލީ، 2008 ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމު "ޖޯދާ އަކްބަރު"އަށް ތައްޔާރުކޮށްދިން ލަވަ "ޖަޝް ނެ ބަހާރާ" އެވެ.

އިންޑިއާގައި އުޅުނު ކުރީގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހަން ތާޖު މަހަލް އިމާރާތްކޮށްފައި ވަނީ މީލާދީ ގޮތުން 1631 ވަނަ އަހަރާ 1648 ވަނަ އަހަރާ ދެމެދުގަ އެވެ. އެއީ އިންޑިއާގައި ހުރި، މުސްލިމުންގެ ފަންނުވެރިކަން ދައްކުވައިދޭ އެންމެ ހާއްސަ އިމާރާތެވެ.

ތާޖު މަހަލަކީ އިންޑިއާއަށް ދާ ޓޫރިސްޓުންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ބިނާ އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އެތަން ބަލައިލަން ޒިޔާރަތްކުރެ އެވެ.

އަނަންޔާ ދެން އެންމެ އަވަހަށް ފެންނާނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" އިންނެވެ. "މިނާކްޝީ ސުންދަރޭޝްވަރީ" އާއި "އާޕް ޖޭސާ ކޮއި" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ވިވެކް ސޯނީ ޑައިރެކްޓުކުރާ އެ ފިލްމުގައި އަނަންޔާއާ އެކު ލީޑު ރޯލު ކުޅެނީ ލަކްޝުޔަ އެވެ.

މި އަހަރު ގެނެސްދޭން ނިންމާފައިވާ އެ ފިލްމު ރިލީޒްކުރާ ސީދާ ތާރީހު އަދި އިއުލާން ނުކުރެ އެވެ.

އަނަންޔާގެ އިތުރު ފިލްމެއް އަންނަ އަހަރަށް ވެސް ތާވަލުކޮށްފައިވެ އެވެ. އެއީ ކާތިކް އަރްޔަންއާއެކު އޭނާ ކުޅޭ ފުރަތަމަ ފިލްމު "ތޫ މޭރީ މެއިން ތޭރާ މެއިން ތެރާ ތޫ މެރީ" އެވެ.