29 ޖުލައި 2025 - 12:19

މި އަހަރުގެ މިނިވަންދުވަހުގެ ބަންދު ދުވަސްތަކަށް ފަހު، 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން މިއަދު އަލުން ފަށައިފި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ.
މިދިޔަ ހަފުތާ ބަންދާއި މިނިވަން ދުވަހަށް ސަރުކާރު ބަންދުވުމާ ހަމައަށް އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ފަރާތުން އެ މުއްދަތާ ހަމައަށް އެފްޑީސީ އަށް ނަން ފޮނުވާފައިވާ މީހުންގެ ތެރެއިން 71 މީހަކާ އެކުގަ އެވެ.
އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު އެފްޑީސީން ބުނެފައި ވަނީ އެ ދުވަހާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރު 2،665 މީހެއްގެ މައުލޫމާތު ފޮނުވާފައިވާ ކަމަށެވެ.
އެހެންވެ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ 2،665 މީހުންނާ އެކު ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިނިވަން ދުވަހުގެ ބަންދަށް ފަހު މިއަދު ސަރުކާރު ހުޅުވުމާ އެކު ފަށާފައިވާ ކަމަށެވެ.
"އެ 2،665 މީހުންގެ އިތުރުން ހައުސިން މިނިސްޓްރީން އަދި އިތުރު ނަންތަކެއް ނުލިބޭ. އެހެންވެ، 2،665 މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ޝެޑިއުލް ކޮށްގެން މިއަދު މި ފެށީ،" ހަމްދާން ވިދާޅުވި އެވެ.
ނަމަވެސް ބައެއް މީސްމީހުންގެ މައުލޫމާތު ފުރިހަ ނުވުން ފަދަ ކަންކަމާ ހެދި އަދިވެސް ސޮއިކުރުން ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭ ކަމަށް ހަމްދާން މިއަދު ވެސް ވިދާޅުވި އެވެ. އެ މައްސަލަ ބޮޑުވެފައިވާތީ ފްލެޓަށް ޝަރުތު ހަމަވެފައިވާ މީހުން ހޭލުންތެރި ކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށަން އެފްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.
އެފްޑީސީން އަންގާ ތަރުތީބުން އެއްބަސްވުންތަކުގައި ސޮއިކުރަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑިސީން ވަނީ އެދިފަ އެވެ.
އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް އެފްޑީސީން ބުނީ ސޮއިކުރަން ދާއިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމެވެ. އޭގެ ތެރޭގައި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުގެ މައްސަލަ ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ އެވެ. ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ ކަމަށާއި ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް މިނިފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދެ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.