29 ޖުލައި 2025 - 11:21

އާސެނަލުން އަލަށް ސޮއި ކުރުވި ފޯވާޑް ވިކްޓޯ ޔޮކަރެސް ވެގެންދާނީ ވާދަވެރި އެހެން ކްލަބަތަކަށް ބިރަކަށް ކަމަށް އެ ޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބުނެފި އެވެ.
ސްޕޯޓިން ލިޒްބަން އަށް 74 މިލިއަން ޑޮލަރު ދޭ ގޮތަށް، އާސެނަލުން ސްވިޑެންގެ ފޯވާޑް މިދިޔަ ހަފުތާގައި ސޮއި ކުރުވި އެވެ.
ސަލީބާ ބުނީ ޔޮކަރެސްއާ ދެކޮޅަށް ކުޅޭ އިރު އޭނާގެ ނުރައްކާކަން އިހްސާސް ކުރެވޭ ކަމަށެވެ. ވާދަވެރި ޓީމުތަކަށް ވެސް އެ ބިރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ. ފްރާންސްގެ ޑިފެންޑަރު ބުނީ އާސެނަލް އަށް ތަށިތައް ހޯދައި ދޭން ޔޮކަރެސް އެހީވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަހަރެން ކްލަބްގައި އޭނާ ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި އަހަންނަށް ޔަގީން އަހަރެމެންނަށް މެޗުތައް ކާމިޔާބުކޮށްދީ ތަށިތައް ހޯދައިދޭން އޭނާ އެހީވެދޭނެކަން،" ސަލީބާ ބުންޏެވެ.
މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އާސެނަލުން ވަނީ ހަ ކުޅުންތެރިން ސޮއި ކުރުވާފަ އެވެ. އެފްއޭ ކަޕްގެ ތަށި 2020 ގައި ކާމިޔާބު ކުރި ފަހުން އާސެނަލަށް ތައްޓެއް ހޯދިފައެއް ނުވެ އެވެ.
ސަލީބާ ބުނީ ކޮންމެ ސީޒަނެއް ތަފާތު ވާނެ ކަމަށެވެ. މިދިޔަ ތިން ސީޒަނުގައި ކުރިމަތިވި މައްސަލަތަކުން މިހާރު ފިލާވާލު ދަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"(މިހާރު) އަހަރެމެންގެ ވިސްނުމަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން. ފުރަތަމަ މެޗުން ފެށިގެން އަހަރެމެން އެންމެ މަތީ ފެންވަރު ދައްކާނަން. ގިނަ އާ ކުޅުންތެރިންތަކެއް އަހަރެމެންގެ ޓީމުގައި މިހާރު އެބަތިބި. އެ ކުޅުންތެރިން އެހީވެދޭނެ ޕްރިމިއާ ލީގު އަހަރެމެންނަށް ކާމިޔާބުކޮށް ދޭން،" ސަލީބާ ބުންޏެވެ.
އާސެނަލުން ޕްރީ ސީޒަން ޓްރޭނިން ކުރިއަށްގެންދަނީ ސިންގަޕޫރުގަ އެވެ. ޕްރިމިއާ ލީގުގެ ބައެއް އެހެން ޓީމުތަކުން ވެސް ވަނީ ސިންގަޕޫރުގައި ކޭމްޕްކޮށްފަ އެވެ.