29 ޖުލައި 2025 - 10:42

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ރެއިން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގައި ހިންގާ އެ މިނިސްޓްރީގެ ސާވާ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާ ހުއްޓުނީ އޭސީތައް އޯވާހީޓުވެގެން ކަމަށެވެ.
"މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މައާފަށް އެދެމެވެ،" މިނިސްޓްރީން ބުންޏެވެ.
ހިދުމަތްތައް އަލުން ދޭން ފެށޭނެ ވަގުތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.