ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފި
ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފި

ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރަން އެފްއޭއެމުން ނިންމައިފި އެވެ.

މި އަހަރަކީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރޭ އަހަރެވެ.

ގާތްގަނޑަކަށް އެއް އަހަރުވަންދެން އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބީ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯއިން މިއަދު ނިންމީ އަލިމަސްޔޫބީލް މުނާސަބަތު ފާހަގަ ކުރުމުގެ ހަރަކާތްތައް ހިންގަން ކޮމިޓީއެއް އުފެއްދުމަށެވެ. އާ ގަވާއިދުގެ އިންތިގާލީ މާއްދާތަކުން ބާރު ލިބިގެން އުފައްދާ އެ ކޮމިޓީ އަށް ދީފައިވާ ނަމަކީ "ޑައިމަންޑް ޖުބްލީ ކޮމިޓީ" އެވެ.

އެ ކޮމިޓީ އަށް މެންބަރުން އައްޔަން ކުރަން، ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމަށް ކްލަބްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް އެކްސްކޯގެ ބައްދަލުވުމުގައި މިއަދު ނިންމި އެވެ. އެ ކޮމިޓީ އަށް މެންބަރުކަމަށް އައްޔަން ކުރުމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިންނެވެ.

ދިވެހިން އިސްނަގައިގެން ރާއްޖޭގައި ރަސްމީ ފުޓްބޯޅަ މުބާރާތެއް އެންމެ ފުރަތަމަ ބޭއްވީ 1948 ގަ އެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގެ ނަމުގައި 1948 ގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ދެ ޓީމަކުން ހޯދި އެވެ.

އެކަމަކު އޭގެ މާ ކުރިން ވެސް އިނގިރޭސި އަސްކަރިއްޔާއިން އިސްނަގައިގެން އައްޑު އަތޮޅު ގަމުގައި ކުދިކުދި ނުރަސްމީ މުބާރާތްތައް ބާއްވައި އުޅުނެވެ. ހިމާޔަތް ދިނުމުގެ ނަމުގައި އިނގިރޭސި އަސްކަރިއްޔާއިން އޭރު ތިބީ ގަމަށް ވެރިވެގެންނެވެ.

ފުޓްބޯޅަ މުބާރާތްތަކާއި އެހެން ކުޅިވަރުތަކުގެ މުބާރާތްތައް ވެސް ރާވައި ހިންގަން ރަސްމީ ވަކި އޮފީހެއް އެންމެ ފުރަތަމަ އުފެއްދީ 1950 ގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފުޓްބޯޅަ ޓީމެއް އެކުލަވާލީ 1978 ގަ އެވެ. އެ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖޭން ވާދަ ކުރި އެވެ. ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަނަކީ ކުޅިވަރުގެ ހިދުމަތްތެރިޔާ މަޝްހޫރު އިބްރާހިމް އިސްމާއީލެވެ. ގައުމީ ޖޯޒީގައި އެންމެ ފުރަތަމަ ގޯލެއް ކާމިޔާބު ކުރީ މްރްހޫމް އަބްދުﷲ ރަޝީދު (ޖޫލޭ) އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ.

ފުޓްބޯޅަ އަށް ވަކި އިދާރާއެއް އެފްއޭއެމްގެ ނަމުގައި އުފެއްދީ 1982 ގަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މެންބަރުކަން ރާއްޖެ އަށް ލިބުނީ އޭގެ ދެ އަހަރު ފަހުން، 1984 ގަ އެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް (50 އަހަރު) ފާހަގަ ކުރަން ބޭއްވި ގޯލްޑް ޖުބްލީ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ. ރާއްޖޭން ފުރަތަމަ ތައްޓެއް ހޯދީ 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. ލަންކާގެ ކޮލަމްބޯގައި ކުޅުނު ފައިނަލު މެޗު ރާއްޖޭން ކާމިޔާބު ކުރީ އިންޑިއާ ބަލިކޮށްގެންނެވެ.