އަތޮޅު ފުޓްބޯޅައިގެ ހަރަކާތްތައް ހިމަނައިގެން އެފްއޭއެމްގެ އާ ކަލަންޑަރު އެކުލަވާލަނީ
އަތޮޅު ފުޓްބޯޅައިގެ ހަރަކާތްތައް ހިމަނައިގެން އެފްއޭއެމްގެ އާ ކަލަންޑަރު އެކުލަވާލަނީ

އަތޮޅު ފުޓްބޯޅައިގެ ހަރަކާތްތައް މިއަހަރު ފަށާގޮތަށް، އެފްއޭއެމްގެ އާ ކަލަންޑަރު އެކުލަވާލަން އެ އެސޯސިއޭޝަނަށް އަލަށް އިންތިހާބުވި އެކްސްކޯއިން ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސްކަމަށް، މިދިޔަ ހޮނިހިރު ދުވަހު ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފަ އެވެ.

އެކްސްކޯ ބައްދަލުވުމުން މިއަދު ނިންމީ އަތޮޅާއި ސަރަހައްދީ ފުޓްބޯޅަ ހަރާކަތްތަ މިއަހަރުން ފަށުމަށެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ އެސޯސިއޭޝަނުގެ އާ އަސާސީ ގަވާއިދުގެދަށުން ސަރަހައްދީ އެސޯސިއޭޝަން އުފެއްދުމުގެ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން ނުވަތަ ސަރަހައްދީ މުބާރާތްތައް މި އަހަރު ފަށަން ނިންމައި 2025/2026 ގެ ކަލަނަޑަރުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.

ސަރަހައްދީ އެސޯސިއޭޝަން އުފެއްދުމަށް، މިދިޔަ މަހު ފާސް ކުރި އަސާސީ ގަވާއިދުގެ އިންތިގާލީ މާއްދާތަކުގައި އެފްއޭއެމްގެ އެކްސްކޯގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

- ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)

- ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)

- ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ)

- މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)

އަލަށް އެކުލަވާލާ ކަލަންޑަރާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާނީ އެފްއޭއެމްގެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުން ކަމަށް އެކްސްކޯ ބައްދަލުވުމުން ފާސް ކުރި ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ. އަދި ސްޓޭޑިން ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ފުރުސަތު ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލާއިފަ އެވެ.

ގަވާއިދުގައި ބުނާ ސްޓޭންޑިން ކޮމިޓީތަކުގެ އިތުރުން ބީޗް ސްކާ އާއި ފުޓްސަލް ކޮމިޓީ އާއި ދިވެހި ފުޓްބޯޅަ އަށް 75 އަހަރުފުރޭތީ އެކަން ކުލަގަދަކޮށް ފާހަގަ ކުރަން ކޮމިޓީއެއް އެކުލަވާލަން ވެސް އެކްސްކޯއިން ނިންމި އެވެ.

އެ ހުރިހާ ކޮމިޓީތަކަށް ވެސް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު ދޭނީ ކްލަބްތަކަށެވެ. އެވެ. ނަންހުށަހެޅުމުގެ ސުންގަޑިއަކީ އޯގަސްޓް ތިންވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިންނެވެ.