28 ޖުލައި 2025 - 19:32

ލ. މާވަށުގައި މިއަދު އެ ރަށު މޫސާ އިބްރާހިމް މަރާލަން ދިން ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ވަޅި ހޯދީ، މަރުގެ މައްސަލައިގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ހައްޔަރުކޮށް ފަށާފައިވާ ތަހުގީގުގެ ތެރެއިންނެވެ.
ފުލުހުން މިރޭ ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކަމަށެވެ. އަދި ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.
ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ދިން ހަމަލާއަށް ފަހު މޫސަ އަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
މަރުވި މޫސަ އަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމަކީ މާވަށުގައި އުޅޭ މީހެއް ނޫނެވެ. އެކަމަކު އެއީ އެ ރަށަށް އާންމުކޮށް ގޮސް އުޅޭ މީހެކެވެ.