28 ޖުލައި 2025 - 15:54

ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ކޯޓަށް ހާޒިރު ނުވެ މިއަދު ރާއްޖެ ވަޑައިގެން ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ލަންކާގެ ކޯޓަކުން އަމުރު ނެރެފި އެވެ.
ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނަމާލް މިއަދު ރާއްޖެ ވަޑައިގަތީ ފުރަމާނަ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކާއާ އެއް ފްލައިޓެއްގަ އެވެ. އެ ދެ ބޭފުޅުން ވެސް ދަތުރުކުރެއްވީ މިއަދު ރާއްޖެ އައި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް 101 ގެ ބިޒްނަސް ކްލާހުގައި ކަމަށް ނޫސްތަކުގައިވެ އެވެ.
ޑިސެނަޔަކަ ވަޑައިގަތީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ނަމަވެސް ނަމާލް ވަޑައިގަތީ ރާއްޖޭގައި އޮތް ކައިވެނި ހަފްލާއަކަށް ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ރާއްޖޭގެ ސިޔާސީ ވަރަށް ގިނަ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ނަމާލް ހައްޔަރުކުރަން އަމުރު ނެރުނީ އޭނާއާ މައްޗަށް ކޮށްފައިވާ އެކި ދައުވާތައް ކޯޓުގައި ހިންގުމަށް ހާޒިރުވާން ކުރި އަމުރުތަކަށް ތަބާވެފައި ނުވާތީ އެވެ.
މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާކޮށްފައި ވާއިރު ނަމާލް މީގެ ކުރިން ވަނީ މި މައްސަލަތަކުގެ ތަހުގީގަށް ހައްޔަރު ވެސް ކޮށްފަ އެވެ. ނަމާލް އާއި އޭނާގެ އާއިލާގެ އެތައް ބައެއްގެ މައްޗަށް އެކި މައްސަލަތަކުގައި ބޮޑެތި ތުހުމަތުތައް ކުރެވި ދައުވާ ވަނީ އުފުލައިފަ އެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލް ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޑިސެނަޔަކަ ކާމިޔާބުކުރެއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ.