އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި
އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

އދ. އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް، ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި، ތަކެއްޗަށް ގެއްލުންދީ އަދި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ކޮޓަރީގައި އަލިފާން ރޯކުރުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.

ފުލުހުން ބުނީ މީހަކަށް އަނިޔާ ނުވި ނަމަވެސް، އެ ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އެ ރަށު ސްޓެލާ، އަހްމަދު ނާފިއު، 32، އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.