28 ޖުލައި 2025 - 06:02

އިންޑިއާގައި މީހަކު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އެތަނުގައި ފޭކް އެމްބަސީއެއް ހަދައި ގައުމުން ބޭރުން މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.
ހަރްޝް ވަރްދަން ޖެއިން، 47، ހައްޔަރުކުރީ ވެރިރަށް ނިއު ދިއްލީ ކައިރީގައި އޮންނަ އުއްތަރަ ޕްރަދޭޝްގެ ގާޒިއާބާދުގައި "ގެއެއް ކުއްޔަށް ހިފައިގެން ވެސްޓް އާކްޓިކް އެމްބަސީ" ނަމުގައި ސައްހަ ނޫން ތަނެއް ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ޖެއިންއާ ހަވާލާދީ ބުނީ އޭނާ އަކީ ވެސްޓް އާކްޓިކް، ސަބޯރްގާ، ޕޮލްވިއާ އަދި ލޮޑޯނިއާ ފަދަ ހިޔާލީ ގައުމުތަކުގެ "އެމްބެސެޑަރު" ކަމަށެވެ.
ޖެއިން ތަމްސީލުކުރާ ކަމަށް ބުނާ ގައުމުތަކުގެ ތެރޭގައި ވެސްޓާޓިކާ ކިޔާ ތަނެއް އޮތް އިރު އެއީ ހުޅަނގު އެންޓާޓިކާގެ އެ ސަރަހައްދު ދިރާސާކޮށް ހިމާޔަތް ކުރުމަށް ހާއްސަވެގެން އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޖައިން އެ ކުންފުންޏަށް "ދީލަތި އެހީއެއް ދިނުމުން" އެ ޖަމިއްޔާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ "އޮނަރަރީ ކޮންސުލް" ގެ މަގާމަށް ހަމަޖެއްސި ކަމަށެވެ.
"އެމްބެސެޑަރެއްގެ މަގާމަކަށް ނުވަތަ އެ ބާރުތަކެއް ވެސް އޭނާއަކަށް ނުދެން،" ބަޔާނުގައިވެ އެވެ.
އޭނާ ވަނީ ވަގު ޑިޕްލޮމެޓިކް ލައިސަންސް ޕްލޭޓްތައް ޖަހާފައިވާ ވެހިކަލްތައް ބޭނުންކޮށް، އިންޑިއާގެ ލީޑަރުންނާ ބައްދަލުކޮށްފައިވާ ކަމަށް ދެއްކުމަށް ހަދާފައިވާ ފޮޓޯތައް ވެސް ގެންގުޅެފަ އެވެ.
"އޭނާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ގައުމުން ބޭރުގައި ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ޝެލް ކުންފުނިތައް މެދުވެރިކޮށް ހަވާލާ (މަނީ ޓްރާންސްފާ) އޮޕަރޭޝަނެއް ހިންގުން ވެސް ހިމެނެ އެވެ." މިދިޔަ ހަފްތާގައި އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ މި މީހާގެ މައްޗަށް، މަނީ ލޯންޑަރިންގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ޖައިން އުޅޭ ތަންތަން ބަލައި ފާސްކުރިއިރު ވަގު ޕާސްޕޯޓާއި އިންޑިއާގެ ފޮރިން މިނިސްޓްރީގެ ފޭކް ތައްގަނޑު ޖަހާފައިވާ ލިޔުންތަކާއި 53،500 ޑޮލަރު ފެނިފައިވެ އެވެ. -- އޭއެފްޕީ