27 ޖުލައި 2025 - 19:38

ފަލަސްތީނުގެ ޣައްޒާގައި ހައިހޫނުކަން އާންމުވެފައިވާ މައްސަލައިގައި ދެން އިޒްރޭލު ގޯސް ނުކުރޭވޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ މިއަދު ބުނެފި އެވެ.
ނަތަންޔާހޫ މިހެން ބުނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ބައެއް މަގުތައް ހުޅުވާލައި ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި އެ ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލަން ނިންމުމަށް ފަހުގަ އެވެ.
"ރައްކާތެރި މަގުތައް ހުންނާނެ. އަބަދުވެސް އެ މަގުތައް ހުރި. އެކަމަކު މިއަދު އެކަން ރަސްމީ ވެގެން މިދިޔައީ. ދެން ދެއްކޭނެ ބަހަނާއެއް ނޯންނާނެ،" ވައިގެ ސިފައިންގެ މަރުކަޒަކަށް ގޮސް ނަތަންޔާހޫ ބުންޏެވެ.
އދ. އަށް ނިސްބަތްކޮށް ނަތަންޔާހޫ މިހެން ބުނެފައި މި ވަނީ ޣައްޒާ ހިސާރުކޮށްފައި ބޭއްވުމުން ކާބޯތަކެއްޗާއި ބޭހާއި އަސާސީ ހުރިހާ ސާމާނެއް ހުސްވެ މުޅި ޣައްޒާ ބަނޑަށްޖެހި ހައިހޫނުކަމުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. އދ. އިން ކުރިއަށްގެންދިޔަ އެހީގެ މަސައްކަތް އިޒްރޭލުން ހުއްޓުވުމަށް ފަހު އިޒްރޭލުގެ ބެލުމުގެ ދަށުން ހިންގާ އެހީގެ ސެންޓަރުތަކުގެ ކައިރީ އިންތިޒާމެއް ނެތުމުންނާއި އެ ތަންތަނުގެ ކައިރީ އިޒްރޭލުން ހަމަލާ ދޭތީ ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.
މި މައްސަލައިގައި އިޒްރޭލަށް އދ. އާއި އެކި ގައުމުތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ބައެއް ގައުމުތަކުން ވަނީ ވައިގެ މަގުން ޣައްޒާއަށް ކާބޯތަކެތި އަޅައިފަ އެވެ. އެކަމަކު އެހީގެ ޓީމުތަކުން ބުނަނީ ޣައްޒާ އޮތީ އެހެން ލިބޭ އެތިކޮޅަކުން މައްސަލަ ހައްލުކުރެވޭ ވަރަށް ވުރެ ދަތި ހާލަތުގައި ކަމަށެވެ.
އިޒްރޭލުން ބުނަމުން ދަނީ ޣައްޒާގައި ހައިހޫނުކަން އާންމުވުމުގެ ޒިންމާ ނަގަންޖެހޭނީ ހަމާސް އިން ކަމަށާއި ހަމާސް އިން ހަމަނުޖެހުން އުފެއްދުމަށް ކާބޯތަކެތި ފޭރެނީ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ދުވަހު ކުރި އިއުލާނެއްގައި ބުނީ ބައެއް ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށެވެ. ހަމަލާތައް މެދުކަނޑާލާ ސަރަހައްދުތަކުގެ ތެރޭގައި އަލްމަވާސީ، ދީރުލް ބަލަހް އަދި ޣައްޒާ ސިޓީގެ ބައެއް ސަރަހައްދުތައް ހިމެނޭ އެވެ. މިއީ އިޒްރޭލު ސިފައިން ގާއިމުވެ ނުތިބޭ ހިސާބުތަކެވެ.
އިޒްރޭލުން ބުނީ އެހީގެ ސާމާނު ވެއްދުމަށް ފުރުސަތު ދިނުމަށް ކޮންމެ ދުވަހަކު މި ވަގުތުތަކަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށާއި ވަކި ގޮތަކަށް ކަނޑަޅަންދެން ކޮންމެ ދުވަހަކު ވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ.