27 ޖުލައި 2025 - 16:14

ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ކޮންމެ ދުވަހަކު ވެސް ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ ގޮތް ހަދައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، މިއަދުގެ އަސްރު ނަމާދު ވަގުތުން ފެށިގެން އެެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

ދިވެހިންގެ ތާރީހާއި ސަގަފަތާއި ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ވީއައިއޭގެ އާ ޓާމިނަލުގެ ހިދުމަތް އެންމެ ފުރަތަމަ ދިނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 ގައި އިންޑިއާގެ ކޮޗިން އިން މާލެއަށް މިއަދު މެންދުރުފަހު އައި ފަސިންޖަރުންނަށެވެ.

ރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ، ވީއައިއޭގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި، 60 ވަނަ މިނިވަން ދުވަހުގެ އުފަލާއެކު ރޭ ރަސްމީކޮށް އެ ޓާމިނަލް ހުޅުވައި ބޭނުންކުރަން ވަނީ ފަށައިފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކޮށް، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް މުއިއްޒެވެ.

އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެއަށްފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާކުރާނެ އެވެ. އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް އެތަނުން ހިދުމަތް ދިނުމެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، އަދި ޑިއުޓީ ފްރީގެ ހިދުމަތް ފުޅާކޮށްގެންނެވެ.



