ޣައްޒާގެ ބައެއް ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލުމާ އެކު މިސްރު މަގުން އެހީގެ ޓްރަކްތައް ވަންނަން ފަށައިފި
ޣައްޒާގެ ބައެއް ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލުމާ އެކު މިސްރު މަގުން އެހީގެ ޓްރަކްތައް ވަންނަން ފަށައިފި

އިޒްރޭލުން ޣައްޒާ ހިސާރުކޮށް މުޅި އާބާދީ ބަނޑަށްޖައްސާފައިވާ މައްސަލައިގައި ފާޑުކިޔުން އިތުރުވުމުން ބައެއް ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލުމާ އެކު މިސްރު މަގުން ޣައްޒާއަށް އެހީގެ ޓްރަކްތައް މިއަދު ވަންނަން ފަށައިފި އެވެ.

ޣައްޒާގެ ބައެއް ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލުމާ އެކު މިސްރު މަގުން އެހީގެ ޓްރަކްތައް ވަންނަން ފަށައިފި
ޣައްޒާގެ ބައެއް ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލުމާ އެކު މިސްރު މަގުން އެހީގެ ޓްރަކްތައް ވަންނަން ފަށައިފި

މިސްރު ސަރުކާރާ ގުޅުން އޮންނަ ބައެއް މީޑިއާތަކުން ވަނީ އެހީގެ ޓްރަކްތައް ޣައްޒާއާ ދިމާލަށް ދަތުރުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ދައްކައިފަ އެވެ.

ނަމަވެސް ރަފަހް ބޯޑަރު ހުރަސްކޮށް ދާ ޓްރަކްތަކަށް ސީދާ ޣައްޒާއަށް ވަދެވޭނެ ގޮތެއް މިހާރު ނެތެވެ. އެއީ އިޒްރޭލުގެ އަސްކަރިއްޔާއިން ދީފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ އެވެ. އެހެންވެ މިހާރު ޖެހޭނީ އިޒްރޭލުގެ ބާރުގެ ދަށުގައި އޮންނަ ކެރެމް ޝަލޯމް (ކަރަމް އަބޫ ސަލީމް) ކްރޮސިން އިން ދާށެވެ، އެއީ ކުޑަ ތަންކޮޅެއް ދިގު މަގަކަށް ވާނެ އެވެ. އެތަނުން ޓްކަރްތައް ވަންނާނީ ދާން އިޒްރޭލުން ފާސްކުރުމަށް ފަހުގަ އެވެ.

ބައެއް ޓްރަކްތަކުގައި މިސްރުގެ ރެޑް ކްރެސެންޓްގެ ލޯގޯ ޖަހާފައި ހުރި، އަނެއްބައި ޓްރަކްތަކުގައި "ޔުނައިޓެޑް އަރަބް އެމިރޭޓްސް - ހިއުމެނިޓޭރިއަން އެއިޑް ޓު ގާޒާ - ވޯޓާ ސަޕޯޓް ޕްރޮޖެކްޓްސް އިން ޣައްޒާ" ލިޔެ އަރަބި އިމާރާތުގެ ލޯގޯ ޖަހާފައިވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ދުވަހު ކުރި އިއުލާނެއްގައި ބުނީ ބައެއް ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށެވެ. ހަމަލާތައް މެދުކަނޑާލާ ސަރަހައްދުތަކުގެ ތެރޭގައި އަލްމަވާސީ، ދީރުލް ބަލަހް އަދި ޣައްޒާ ސިޓީގެ ބައެއް ސަރަހައްދުތައް ހިމެނޭ އެވެ. މިއީ އިޒްރޭލު ސިފައިން ގާއިމުވެ ނުތިބޭ ހިސާބުތަކެވެ.

އިޒްރޭލުން ބުނީ އެހީގެ ސާާމާނު ވެއްދުމަށް ފުރުސަތު ދިނުމަށް ކޮންމެ ދުވަހަކު މި ވަގުތުތަކަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށާއި ވަކި ގޮތަކަށް ކަނޑަޅަންދެން ކޮންމެ ދުވަހަކު ވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާގެ ބައެއް ހިސާބުތަކުގައި ހަމަލާތައް މެދުކަނޑާލަން ނިންމައި އިއުލާނުކުރީ ޣައްޒާގައި ބަނޑަށް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެ ފާޑުކިޔުންތަކުން ސަލާމަތްވާން އިޒްރޭލުން ވަނީ މިހާރު ކާނާ ބަހާ މަރުކަޒުތަކުން ކާނާ ބެހުމުގެ އިތުރުން ވައިގެ މަގުން އެކި ހިސާބަށް ކާނާގެ ޕެކޭޖްތައް އަޅަން ވެސް ނިންމުމަށް ފަހުގަ އެވެ. އަދި އެހެން ބައެއް ގައުމުތަކުން ވެސް އެގޮތަށް އެހީ ދޭން ތައްޔާރުކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އިޒްރޭލުން ޣައްޒާގައި ހަމަލާ ދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މި މުއްދަތުގައި 70،000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނުގެ މީހުން ވަނީ ޝަހީދުވެފަ އެވެ.