4،000 ފްލެޓު ދޫކުރުން: ސޮއިކުރަން މިނިސްޓްރީން މިހާތަނަށް ފޮނުވީ 2،665 މީހުންގެ ނަން
4،000 ފްލެޓު ދޫކުރުން: ސޮއިކުރަން މިނިސްޓްރީން މިހާތަނަށް ފޮނުވީ 2،665 މީހުންގެ ނަން

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީގެ ފަރާތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް މިހާތަނަށް ފޮނުވީ 2،665 މީހުންގެ ނަން ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ، ފްލެޓް ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމަށް މިހާތަނަށް ލިބުނީ 2،665 މީހުންގެ ނަން ކަމަށެވެ. އެ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހަފުތާ ބަންދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އަންނަ އަންގާރަ ދުވަހު ސަރުކާރު ހުޅުވުމުން ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.

ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑިސީން ވަނީ އެދިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވުމާ ހަމައަށް ސޮއި ކޮށްފައި ވަނީ 71 މީހުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.

- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.

- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.

އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ އެވެ. ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ ކަމަށާއި ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް މިނިފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދެ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.