27 ޖުލައި 2025 - 13:17

އެފްއޭއެމްގެ އެކްސްކޯ މެންބަރުކަމާ ހަވާލުވެ، ވިކްޓަރީގެ ފޯވާޑް މުހައްމަދު އުމޭރު ކުޅުން ހުއްޓާލައިފި އެވެ.
އިއްޔެ ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯ އަށް އުމޭރުގެ ނަން ހުށަހެޅި އިރު ވެސް އޭނާ ހުރީ ވިކްޓަރީގެ ކޮންޓްރެކްޓްގަ އެވެ.
އެންމެ ފަހުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވިކްޓަރީ ގެންގޮސްދީ އެއްވަނަ ޑިވިޝަނަށް އެ ޓީމު އަލުން ޕްރޮމޯޓްކޮށް ދިނުމުގައި އުމޭރު މުހިންމު ދައުރެއް އަދާކުރި އެވެ. އަލުން އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ވިކްޓަރީން ޓީމު އެކުލަވާލީ ވެސް އުމޭރު ހިމަނައިގެންނެވެ.
އުމުރުން 37 އަހަރުގައި އޭނާ އިއްޔެ ވަނީ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
"މިއަދު އަހަރެން މި އިއުލާން ކުރަނީ ފުޓްބޯޅަ ކުޅުމުން ފަހަތަށް ޖެހިލަން (ނިންމިކަން). އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާތީ،" ސޯޝަލް މީޑިއާގައި އުމޭރު ލިޔެފައި ވެއެވެ.
ކަނާތު ބެކްގެ މަގާމުން ކުޅެން ފެށި އުމޭރު ވަނީ މިޑްފީލްޑަރު އަދި ފޯވާޑްގެ މަގާމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ބުނީ ފުޓްބޯޅަ އަށް އާ ގޮތަކަށް ހިދުމަތް ކުރުމުގެ އާ ފެށުމެއް ކަމަށެވެ.