"ވޯ 2"ގައި ހާއްސަ ފެނިލުމަކުން އާލިއާ ފެންނާނެ
"ވޯ 2"ގައި ހާއްސަ ފެނިލުމަކުން އާލިއާ ފެންނާނެ

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2" ގައި އާލިއާ ބަޓް ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް ނޫސްތަކުގައި ބުނި ގޮތުގައި، ވައިއާރްއެފްގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ 2"ގައި އާލިއާ ފެންނާނީ ޕޯސްޓް ކްރެޑިޓް ސީނަކުންނެވެ. އެއީ، އަންނަ ޑިސެމްބަރު މަހު ގެނެސްދޭ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އާ ފިލްމު އަދި އާލިއާ ލީޑު ރޯލު ކުޅޭ "އަލްފާ"ގެ ޓީޒާއެއްގެ ގޮތުގަ އެވެ.

"އަލްފާ" ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު 25 ގަ އެވެ.

އާލިއާގެ އިތުރުން "އަލްފާ"ގައި މުހިންމު ރޯލެއް ކުޅޭ ޝަރްވަރީގެ ވެސް "ވޯ 2"ގައި ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިތިކް އާއި އެންޓީއާރުއާ އެކު"ވޯ 2"ގައި ދެން ފެންނާނީ ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އެވެ. ކިއާރާއަކީ އެ ފިލްމުގެ ލީޑު އެކްޓްރެސް އެވެ. އެ ފިލްމުގެ ޓްރެއިލާ މިދިޔަ ހުކުރު ދުވަހު ވަނީ އާންމުކޮށްފަ އެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ 2" އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2022 ވަނަ އަހަރު ނުކުތް "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.

"ވޯ 2" ރިލީޒްކުރަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް އަންނަ މަހު 14 ގަ އެވެ.