އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން އަނެއްކާވެސް ހުއްޓުވައިފި
އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން އަނެއްކާވެސް ހުއްޓުވައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށް ޖައްސާފައި އޮތުމާ ދެކޮޅަށް ފްރީޑަމް ފްލޮޓީލާއިން ފޮނުވި އެހީގެ ދެ ވަނަ ބޯޓު ވެސް އިޒްރޭލުން މިރޭ ހުއްޓުވައިފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްތެއްގައި ބުނެފައިވަނީ "ޣައްޒާގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ނަވާރަން" ކިޔާ އުޅަނދަށް އަސްކަރިއްޔާއިން ހުރަސް އަޅާފައިވާ ކަމަށެވެ.

"އިޒްރޭލު ބަނދަރަށް ބޯޓު ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށް. ހުރިހާ ފަސިންޖަރުންގެ ހާލު ވެސް ރަނގަޅު،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ބޯޓުގައި ތިބި އެކްޓިވިސްޓުންގެ ލައިވް ބްރޯޑްކާސްޓުން ފެންނަ ގޮތުގައި އިޒްރޭލު ސިފައިން އަރައި ބޯޓުގެ ކޮންޓްރޯލް ހޯދި އިރު އެންމެން ތިބީ އަތްމައްޗަށް ނަގައިގެން، ހުދުމުހުތާރު އަދި އަނިޔާވެރިކަމާ ދެކޮޅު ލަވައެއް ކިޔާށެވެ.

ޣައްޒާގެ ހިސާރާ ދެކޮޅުހެދުމަށް އެހީގެ ކުޑަ މިންވަރަކާ އެކު މި މަހުގެ 14 ވަނަ ދުވަހު އިޓަލީގެ ސިސިލީން ދަތުރު ފެށި އެކްޓިވިސްޓުންގެ މަގްސަދަކީ އިޒްރޭލުގެ ލާއިންސާނީ ސިޔާސަތު ސަމާލުކަމަށް ގެނައުމަށެވެ. މި ދަތުރު އިންތިޒާމްކުރި މީހުން މީގެ ކުރިން ވެސް އެހީ އާ އެކު ބޯޓެއް ފޮނުވުމުން ވަނީ އެ އުޅަނދު ހުއްޓުވައި އެންމެން ޑީޕޯޓްކޮށްލައިފަ އެވެ.

މިދިޔަ މާޗް މަހުގެ ކުރީކޮޅު އިޒްރޭލުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އެއްކޮށް ހުއްޓުވައިފަ އެވެ. އަދި މިހާރު އެހީގެ ސާމާނު ދޫކުރަނީ އިޒްރޭލުން ބޭނުންވާ ގޮތަކަށެވެ. އެކަމަކު އެހީ ދޫކުރާ މަރުކަޒުތަކުގެ ކައިރީގައި މީހުން ތޮއްޖެހިގެންނާއި އިޒްރޭލުން ހަމަލާދޭތީ ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.