26 ޖުލައި 2025 - 23:52

އއ.މާޅޮހުގެ ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފުލުހުން ބުނީ، މިރޭ 8:45 ހާ އިރު ހިނގި އެ ހަދިސާގައި ދޯންޏެއްގައި އެއްޗެއް ގޮވައިގެން ފިހިފައިވަނީ ދެ ބިދޭސީން ކަމަށެވެ.
އެ ދެ މީހުންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ އެރަށުގެ "ނަސްރު 7" ނަމަކަށް ކިޔާ ދޯންޏެއްގަ އެވެ. އެ ދޯނީގެ ވެރިފަރާތް އަހުމަދު ލަތީފު ބުނީ، އެ ދޯންޏަކީ ވެލިނަގާ ހެދުމަށް ގެންގުޅޭ ދޯންޏެއްގައި ކަމަށާއި، ފިހުނީ ދޯނީގައި ގެންގުޅޭ އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީން ކަމަށެވެ. އެ ހާދިސާގައި ފިހުނީ 40 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.
އެ ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު "މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ދެ މީހުންގެ ހަށިގަނޑުގެ ގިނަ ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
ލަތީފު ބުނި ގޮތުގައި، އެ ދޯނީގައި ގޮވާފައިވަނީ އިންޖީނުގެ ބެޓެރިކަމަށް ބެލެވޭ ކަމަށާއި އެކަމަކު މާބޮޑު ތަފްސީލެއް އަދި ސާފުނުވާ ކަމަށެވެ. އެ ހާދިސާގައި ދެ މީހުން ފިހުނު ނަމަވެސް، ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.