26 ޖުލައި 2025 - 23:33

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމަށް ހިތްގައިމު ޑްރޯން ޝޯއަކާއި ހަވާ އެރުވުމުން މާލެ ވަށައި އުދަރެސް ދިއްލާލައިފި އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިރޭ ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން، އުދުއްސައިލި ޑްރޯންތަކުން ރާއްޖޭގެ މިނިވަންކަމާއި ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކައިދޭ މަންޒަރުތައް ދައްކާލި އެވެ.

ޖުލައި 26، 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރި މަޝްހޫރު ފޮޓޯ ވެސް، ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާ އެއާޕޯޓުގެ މަތިން ޓާމިނަލްގެ މަތީގައި އެތައް ސަތޭކަ ޑްރޯނެއްގެ އެތުރިލުމުން ކުރަހާލި އެވެ.

ޑްރޯންތަކުން އެކި ވައްތަރުގެ މަތިންދާބޯޓުތައް ސިފަކޮށްދީ، ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކަމުން ދިޔައިރު މުޅި ޓާމިނަލް އެކި ކުލަތަކުން ދިއްލެމުން އަދި ޑްރޯން ޝޯއާ ގުޅޭ މިއުޒިކުން އިތުރަށް ފުރިހަމަކޮށްލި އެވެ.

އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ. ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ޓާމިނަލުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. އެ ޓާމިނަލުގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތަކެވެ.

ޑްރޯންތަކުގެ ހިތްގައިމު އެތުރުމުން އެކި މަންޒަރުތައް ދައްކަމުން ގޮސް ވެލާނާ އެއާޕޯޓުގެ ނަން އަޅާލުމާ އެކު އެއާޕޯޓުންނާއި މުޅި މާލެ ވަށައިގެން އެކި ދިމަދިމާލުން ހަވާ އަރުވަން ފަށައި، އެއާޕޯޓް ރަސްމީކޮށް ހުޅުވުން ކުލަ ގަދަކޮށް ފާހަގަކުރި އެވެ.

ގާތްގަނޑަކަށް ހަ މިނެޓަށް ދިގު ދެމިގެންދިޔަ މި ތާރީހީ ހަވާ އެރުވުމުން ދެކެލަން މާލެ ސަރަހައްދުގެ އެކި ތަންތަނަށް އެތައް ހާސް ބަޔަކު ޖަމާވި އެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެ އަށް ފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 34 އަށް އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދެވޭ ވަރުވުމެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.