26 ޖުލައި 2025 - 19:24

ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުމަށް "އިތުރު ހަކަތަ" ލިބޭނެ ކަމުގެ ޔަގީންކަމާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުތައް ބައްލަވައިލެއްވުމަށް ފަހު އެވެ. އޭގެ ފަހުން ސީދާ ވަޑައިގަތީ ފުރާވަޑައިގަތުމަށް އެއާޕޯޓަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެން މޯދީ ވަނީ މުހިއްމު ހަތަރު އެމްއޯޔޫ އަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

ރާއްޖެއާ އެކު ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކު އިންޑިއާ އިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ގެނެސްފައިވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި، ރާއްޖެ އަށް ވަޑައިގަތުމުން މޯދީ އަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މޯދީ، އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ދިވެހި ބަހުން ވިދާޅުވީ، ރާއްޖެ އަށް ކުރެއްވީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދެއްވި މެހެމާންދާރީއަށް ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މޯދީ ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަގުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަކީ ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައީސް މުއިއްޒާ އެކު ކުރެއްވި އުފެއްދުންތެރި މަޝްވަރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށެވެ.
"ރައީސް މުޢިއްޒުއާ އެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ،" މޯދީ ދިވެހި ބަހުން ކުރެއްވި ޓުވީޓުގައި ވެ އެވެ.
މޯދީގެ މި ތާރީހީ ދަތުރުފުޅުގައި އެންމެ ފަހުން ބައިވެރިވެވަޑައިގަތީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުތައް ބެއްލެވުމުގަ އެވެ.
މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމާވާލެއްވި އިރު، އެ ދަތުރުފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ ވެސް މިއަދު ބައްދަލުކުރެއްވި އެވެ.