މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

މިއީ "ހަވީރު" ނޫހުގެ 26 ޖުލައި 1994 ގެ އަދަދުން ނަގާފައިވާ ލިއުމެކެވެ. މި ލިޔުން ލިޔުއްވީ "ހަވީރު" ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީއެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިއަދު "މިހާރު" ގައި މި ލިޔުން ޝާއިއު ކުރީ ކުދިކުދި ބަދަލުތަކާ އެކު އެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

-------

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

ދިވެހިރާއްޖެ އަށް ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ވެލާނޭގޭ އިބްރާހީމް ނާސިރު ކުރެއްވި މަސައްކަތްޕުޅު ބަޔާން ކުރައްވައި ރާއްޖޭގެ ވަރަށް އުފެއްދުންތެރި، މަޝްހޫރު ލިއުންތެރިއެއް ކަމުގައިވާ މާދޫގޭ އަލީ އަހުމަދު 30 ޖުލައި 1965 ގައި "ވިޔަފާރި މިއަދު" އަށް ލިއުއްވި މަޒުމޫނެއްގައި ވެ އެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

"ކަނޑި ބަޑީގެ ބާރަށް ވުރެ ސިކުނޑި އާއި ޙިކުމަތު ޢަމަލީގެ ބާރު މާގަދަވެއްޖެ އެވެ. ޚާއްޞަކޮށް ސިޔާސީ ރޮނގުގަ އެވެ. ވީމާ މިއަދު ޤައުމު ދެކެ ލޯބިވާ ބަޠަލަކަށް ޤައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރެވޭނީ މޮޅު ސިކުނޑިއަކާއި ޙިކުމަތު ޢަމަލީންނެވެ. ވަރުގަދަ ކެތްތެރި ކަމަކާއި ދުރު ވިސްނުމަކުންނެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ޒަޢީމު ޤައުމުގެ ލީޑަރ ޞ. ދ. އަލްފާޟިލް އިބްރާހީމް ނާސިރު ވެސް ދިވެހި ޤައުމަށްޓަކައި އެ ކުރެއްވީ ވަރުގަދަ ހަނގުރާމައެކެވެ. ޒަމާން ބަދަލުވެފައިވާކަމުން ޞާޙިބުއްދައުލާއަށް ހަތިޔާރަކަށް ބޭނުންކުރައްވާން ޖެހިވަޑައިގަތީ ކަނޑި އާއި ބަޑިއެއް ނޫނެވެ. ލޮންސި އާއި ހިފުމުގެ އުކުޅުތަކެއް ނޫނެވެ. ކީއްތޯ އެވެ. އެ މަނިކުފާނު ހަތިޔާރަކަށް ބޭނުންކުރެއްވީ ވަރުގަދަ މޮޅު ސިކުނޑިއެކެވެ. އަޖައިބެއް ކަހަލަ ޙިކުމަތު ޢަމަލީއެކެވެ. އަދި އެ އަށް ވުރެ ވެސް ޙައިރާން ކުރުވަނިވި މަތިވެރި ކެތްތެރިކަމެކެވެ."

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

ދިވެހިރާއްޖެ މިނިވަންވުމުގެ އެގްރީމެންޓުގައި ސޮއިކުރެވުނީ 26 ޖުލައި 1965 ގައެވެ. ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގަ އެވެ. އެގްރީމެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސީންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ސާ މައިކަލް ވޯކަ އެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

އެގްރީމެންޓުގައި ސޮއިކުރުމަށް ހައި ކޮމިޝަނަރު މައިކަލް ވޯކަގެ ގޭގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އިތުރަށް އަބްދުއްސައްތާރު މޫސާ ދީދީ އާއި ވަޒީރުލްއައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު އަލީ މަނިކާއި ސަފީރު އޮފީހުގެ 3 ވަނަ ސެކްރެޓަރީ އަހުމަދު އިސްމާއިލު ބައިވެރިވެވަޑައިގަތެވެ. އަދި އިނގިރޭސީންގެ ފަރާތުން ސާ މައިކަލް ވޯކަގެ އިތުރަށް ޑިޕިއުޓީ ހައިކޮމިޝަނަރު ޑީ ޖީ އެންޑަސަން އާއި އެއްވަނަ ސެކްރެޓަރީ ޕީ ޑަބްލިޔު ހީތު އާއި އިންފޮމޭޝަން ސާވިސްގެ ޑިރެކްޓަރު ބީ ޑީ ބްރައުން ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

ދިވެހިރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ މީލާދީން 1887 ގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ކުރެވުނު ހިމާޔަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ވާގޮތުން އިނގިރޭސީން ނޫން އެހެން އެއްވެސް ގައުމަކާ ދިވެހިރާއްޖެއާ ދެމެދު ގުޅުމެއް ނުބޭއްވޭނެ އެވެ. ރާއްޖޭގެ ވެރިކަމަށް އިސްކުރެވޭނީ އިނގިރޭސީން ރުހި ގަބޫލުވާ ރަސްކަލެކެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

ދިވެހިރާއްޖެ އިނގިރޭސި އަޅުވެތިކަމުގެ ދަށުގައި 78 އަހަރު އޮތުމަށް ފަހު، ރާއްޖެ މިނިވަންވީ ގޮތާ ބެހޭ ގޮތުން ތާރީހީ ލިއުންތެރިއެއް ކަމުގައިވާ ބަގީޗާގޭ އިބްރާހީމް ޝިހާބު ލިއުއްވާފައި ވެ އެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

"ދެބަސްވާނެ އެކަކުވެސް ނެތެވެ. ރާއްޖޭގެ ތާރީޚު އަބަދަށްޓަކައި ފަޚުރުވެރިވާނޭ މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ޙާޞިލުވުމުގެ ހުރިހާ ވެސް ސިއްރަކީ ދިވެހި ޒަޢީމެއްގެ ހިތްޕުޅުގައި މާތްވެގެންވާ އިސްލާމް ދީނަށާއި ވަޠަނުގެ އިސްތިޤުލާލަށް އުފެދި ތަމްކީން ވެފައިވާ ވަރުގަދަ ލޯތްބެކެވެ. ޤައުމުގެ މިނިވަންކަމަކީ އެހެން އެއްވެސް އެއްޗަކާ އަޅައި ކިރުމުގައި ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ނިޢުމަތެއްކަން ޔަޤީނެވެ.

މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު

މިދެންނެވި ޢިއްޒަތްތެރި މުޖާހިދަކީ ދިވެހި ހުރިހާ ހިތްތަކެއްގެ ލޯތްބާއި އިސްތިޙްސާން އެ އަރިއަހަކަށް ރައްދުވާ އަޅުގަނޑުމެންގެ ނާޞިރުލް ޙުއްރިއްޔާ އެވެ. ޞާޙިބުއްދައުލާ ދިވެހި ދައުލަތުގެ ވަޒީރުލްއަޢުޡަމް އެވެ.
މިނިވަންކަމަކީ އޭގެ މާނަ އަމިއްލައަށް އެކަން އިޙްސާސް ކުރެވޭ ބަޔަކަށް ނޫނީ ދޭހަކޮށް ނުދެވޭފަދަ ބޮޑު ނިޢުމަތެކެވެ. މިނިވަންކަމަކީ މާތްވެގެންވާ އިސްލާމްދީން ދުނިޔެ އަށް ގެނައި އެންމެ ވަރުގަދަ އުޞޫލެވެ. އެންމެ އަލިގަދަ ނޫރެވެ.

ވީއިރު ބައެއްގެ މިނިވަންކަމާއި ނުލައި އެ ބައެއްގެ ދީނަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ކިތަންމެހާ ވެސް އުނި އެއްޗެކެވެ. މި އަށް ވުރެ ސަރީޙަ ޢިބާރާތުން ދަންނަވަނީ ނަމަ އިނގިރޭސީންގެ އަޅުވެތިކަމުގައި ހޭދަވެގެން ދިޔަ އަހަރުތަކުގައި ނިކަމެތިކަން ލިބިފައި އޮތީ ހަމައެކަނި ދިވެހިރާއްޖޭގެ ޤައުމިއްޔަތަކަށް ނޫނެވެ. އަދި ކީއްތޯއެވެ. މިނިވަންކަން ނެތުމުގެ ސަބަބުން ނުވަތަ އިސްލާމް ނޫން ބައެއްގެ ޙިމާޔަތުގެ ދަށުގައި ތިބުމުގެ ސަބަބުން އެ ނިކަމެތިކަން އޮތީ އަޅުގަނޑުމެންގެ ދީނީ ޙަޔާތަށް ވެސް އޭގެ ސުންޕާކަން ރައްދު ކޮށްކޮށެވެ.

މިހެންކަމުން އަލްފާޟިލް އިބްރާހީމް ނާސިރުގެ އަރިހަށް އަޅުގަނޑުމެންގެ ޠާޢަތާއި އިޙްތިރާމް ރައްދުކުރުން ވާޖިބުވެގެން ވަނީ ހަމައެކަނި އެގްރީމެންޓެއްގައި ސޮއިކުރެއްވި އަޢުޡަމެއްގެ ޙައިޘިއްޔަތަކުން ނޫނެވެ. ކީއްތޯ އެވެ. އުއްމަތެއްގެ ދީން ރައްކައުތެރި ކުރެއްވި މުޞްލިޙެއްގެ ގޮތުންނެވެ. ވަޠަނެއްގެ ޙުއްރިއްޔަތު އަނބުރާ ގެނެސްދެއްވި މުޖާހިދެއްގެ ގޮތުންނެވެ.
ދިވެހި ޤައުމުގައި އުފެދުނު އެންމެ އަގުހުރި ބަޠަލުންގެ ތެރެއިން ވެސް އަރައި ހުންނެވި ބަޠަލެއްގެ މަޤާމު ނުހަނު ޙައްޤު ގޮތެއްގައި އޭނާގެ ޤައުމީ ޚިދުމަތުން ލިބިވަޑައިގެންފި އެވެ."

މަރުހޫމް އިބްރާހީމް ނާސިރު ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން 11 އަހަރު އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު 10 އަހަރު އަދާކުރައްވައިފަ އެވެ.

ހަގީގީ މިނިވަންކަމަކީ ވަރަށް ބުރަ މަސައްކަތުން ލިބޭ އެއްޗެކެވެ.

ރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވައި، މިނިވަންކަން ދިފާއު ކުރެއްވުމަށް މަސައްކަތްކުރެއްވި އަބްތާލުންގެ ޒިކުރާ އައު ކުރުމަކީ ގައުމީ ހިދުމަތް ދިރުވުމަށް ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.