25 ޖުލައި 2025 - 23:20

ލަންޑަން (ޖުލައި 25) - ޕޯޗުގަލްގެ ސްޕޯޓިން އިން ދިން އިންޒާރުތަކަށް ބެލުމެއް ނެތި، އާސެނަލުން މާ ބޮޑު ނޫން އަގަކަށް ސްވިޑެންގެ ފޯވާޑް ވިކްޓޯ ޔޯކެރޭސް، 27، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެ ކްލަބަށް ގެންދަން އެއްބަސް ކުރުވައިފި އެވެ.
އާސެނަލުން ޔޯކެރޭސް ގަނެފައި ވަނީ 73.5 މިލިއަން ޔޫރޯ (87 މިލިއަން ޑޮލަރު) ގެ އަގަކަށެވެ. އެއީ ފުރަތަމަ 63.5 މިލިއަން ޔޫރޯ ދައްކައި، ބޯނަސްގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިގެންނެވެ.
ސްޕޯޓިންގެ ހުއްދައާ އެކު މިރޭ ލަންޑަނަށް ގޮސް، މާދަމާ މެޑިކަލް ފުރިހަމަ ކުރުމަށް ފަހު ޔޯކެރޭސް، އާސެނަލްގެ އޭޝިއާ ޓުއާގައި ބައިވެރި ވާގޮތަށް ހަމަޖެހިފައި ވާކަމަށް މީޑިއާތަކުން ބުންޏެވެ. އޭޝިއާ ޓުއާގައި އާސެނަލް ވަނީ މިހާތަނަށް ސިންގަޕޫރުގައި އޭސީ މިލާނާ ދެކޮޅަށް ކުޅެފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުމަށް ފަހު ބުރާސްފަތި ދުވަހު ހޮންގް ކޮންގްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅެން ވަނީ ތާވަލް ކޮށްފަ އެވެ.
ޔޯކެރޭސް އާސެނަލް އަށް ބަދަލުވާން ބޭނުންވެގެން ސްޕޯޓިންގެ ޕްރީސީޒަން ފަރިތަކުރުންތަކުގައި ވެސް ބައިވެރިއެއް ނުވެ އެވެ. ޓްރާންސްފާގެ މުއާމަލަތުގައި އާސެނަލުން ސީދާ އޭނާއާ ވާހަކަ ދެއްކުމުން، އެ ކްލަބްގެ ރައީސް ފްރެޑްރީކޯ ވެރަންޑަސް، ވަނީ ނުރުހުންފާޅު ކޮށްފަ އެވެ. އެގޮތަށް ކަން ކުރުމުން ކުޅުންތެރިޔާ ދޫކޮށްލަން ފަސޭހަ ނުވާނެ ކަމަށް ހާމަ ކުރަމުން ވެރަންޑަސް ބުނީ ރިލީސް ކްލޯސް އެއްކޮށް ދައްކަން ޑިމާންޑް ނުކުރާ ކަމަށެވެ. ނަމަވެސް 70 މިލިއަން ޔޫރޯގެ އަގަކަށް އޭނާ ނުވިއްކާނެ ކަމަށް ވެންޑަރަސް ބުނެފައިވެ އެވެ.
މީގެ އިތުރުން އާސެނަލަށް އޭނާ ނުފޮނުވާން ސްޕޯޓިން އިން ވަނީ ސައުދީ އަރަބިއްޔާގެ ބައެއް ކްލަބްތަކުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ވެސް އޭނާ ފޮނުވަން ހުށަހަޅައިފަ އެވެ. ނަމަވެސް ޔޯކެރޭސް ގުޅެން ބޭނުންވާ ހަމައެކަނި ކްލަބަކީ އާސެނަލަށް ވުމުން، ސްޕޯޓިންގެ އެއްވެސް ހުށަހެޅުމެް ކާމިޔާބެއް ނުވި އެވެ.
ޔޯކެރޭސްގެ ކޮންޓްރެކްޓުގައި ސްޕޯޓިން އިން ހިމަނާފައި ވަނީ 100 މިލިއަން ޔޫރޯ (85 މިލިއަން ޕައުންޑް) ގެ ރިލީސް ކްލޯސް ކެވެ.
ނަމަވެސް އާސެނަލް މިވަނީ އެންމެ ފަހުން، އެ ކްލަބްގެ ހުށަހެޅުމަށް 3.5 މިލިއަން އިތުރު ކޮށްލ މާ ބޮޑު އުނދަގުލަކާ ނުލައި، ޕޯޗުގަލް ލީގުގައި ފާއިތުވި ދެ ސީޒަނުން ޖުމްލަ 66 މެޗުން 68 ގޯލު ޖެހި ފޯވާޑްގެ ޑީލް ފައިނަލް ކޮށްފަ އެވެ.
އާސެނަލް ވަނީ އަންނަ ސީޒަނަށް ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ އާއި ވިންގާ ނޮނީ މަޑުއެކޭ އަދި ވެލެންސިއާގެ ޑިފެންޑަރު ކްރިސްޓިއަން މޮސްކޭރާ ވެސް އެ ޓީމަށް ސޮއި ކުރުވައިފަ އެވެ. ހަމަ އެއާއެކު 55.8 މިލިއަން ޕައުންޑްގެ އަގަކަށް ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީގެ އިތުރުން 12 މިލިއަން ޕައުންޑްގެ އަގަކަށް އާސެނަލް ވަނީ ބްރެންޓްފޯޑްގެ މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް ވެސް ސޮއި ކުރުވައިފަ އެވެ.