26 ޖުލައި 2025 - 09:10

ދުނިޔޭގެ ތާރީހަށް ބަލާއިރު، ރާއްޖެ އަށް މިނިވަންކަން ލިބުނު ގޮތް އެހެން ގިނަ ގައުމުތަކާ މިނެ ކިރެލާއިރު ތަފާތެވެ.

އަޅުވެތިކޮށްފައި ތިބި ބަޔަކާ ހަނގުރާމަކޮށް، ލޭއޮހުރުވުމަކަށްދާކަށް ނުޖެހުނެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން 1965 ވަނަ އަހަރުގެ މި ދުވަހު، ރަސްމީކޮށް މިނިވަންވިއިރުވެސް، ދާހިލީ ކަންކަމާ އިނގިރޭސިން ބަސް ނުކިޔާތީ ދާހިލީ މިނިވަންކަން އޭރުވެސް އޮތީ ޒާތަކަށް ލިބިފަ އެވެ.

"މިނިވަންކަން އިޢްލާނު ކުރުމުގެ ބޮޑު އިޙްތިފާލެއް އޭރަކު ނުބޭއްވޭ. އަޅުގަނޑުމެން، އެ ޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އޭރު އޮތް ޤައުމުގެ ދިދަ ތިރިކޮށް، އަޅުގަނޑުމެންގެ މިނިވަން ދިދަ އުފުލާލުމުގެ ރަސްމިއްޔާތެއް ވެސް ނުބޭއްވޭ. އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް، އެ މިނިވަންކަމުގެ ސަބަބުން އައި ބަދަލެއް އެވަގުތު ރަނގަޅަށް އިޙްސާސް ވެސް ނުކުރެވެޔޭވެސް ދެންނެވިދާނެ،" ނަވާސަތޭކަ ނުވަދިހަ ވަނަ އަހަރު، ރާއްޖެއަށް މިނިވަންކަން ލިބުނު ރިހިޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވެ އެވެ.

އެ ދުވަހު މައުމޫން ވެސް ފާހަގަކުރެއްވި ފަދައިން، އިނގިރޭސި ދައުލަތުގެ ހިމާޔަތުގައި ރާއްޖެ އޮތް ދުވަސްވަރުވެސް، ރާއްޖޭގައި އިނގިރޭސި ދައުލަތުގެ އެއްވެސް މަންދޫބެއް ވެސް އަދި އެ މީހުންގެ ފަރާތުން ލަފާދޭނެ މުޝީރަކު ވެސް ނެތެވެ. ރާއްޖޭގެ ކަންތައްތައް ކުރަމުން ގެންދިޔައީ ދިވެހިންނަށް ފެންނަ ގޮތެއްގެ މަތީންނެވެ. ބޭރު ދައުލަތެއްގެ ނުފޫޒެއް ރާއްޖެއަކަށް އޭރަކު ހިނގާފައެއް ނެތެވެ.
ލިބުނު މިނިވަންކަމުގެ އަގު ދިވެހި ގިނަ ރައްޔިތުންނަށް ވަޒަން ނުކުރެވުނުއިރު، ބޭރު ދުނިޔެއިން ވެސް އަމާޒުވީ، ޝައްކާއި މަލާމާތެވެ.
ވިޔަފާރީގެ ގުޅުންތަކުގެ ގައުމުތަކުގެ ހައިސިއްޔަތު ކަނޑައެޅި ދުވަސްވަރެއްގައި، ރާއްޖެ އަށް މިނިވަންކަން ލިބުނު ވާހަކަ، ބޭރުގެ މަޝްހޫރު މަޖައްލާއެއްގައި އޭރު ޖަހާފައި އޮތީ މިހާ ކުޑަކުޑަ ގައުމަކަށް މިނިވަންކަން ލިބުނަކަސް އެ އަކުން އަންނާނެ މާބޮޑު ބަދަލެއް ނޯންނާނެ ކަމަށެވެ.
"ރާއްޖެއަށް މިނިވަންކަން ލިބުމަކުން ކޮޅުނބުގެ ރެކްލަމޭޝަން ރޯޑުގައި ފިހާރައެއް ހުޅުވާލައިގެން މުދަލާލިއެއް ބޭންދުމަށް ވުރެ ބޮޑުކަމެއް ރާއްޖެއަށް ކުރެވޭނެ ކަމަކަށް ނުފެނޭ،" އެ މަޖައްލާގައި ރާއްޖެއަށް ލިބުނު މިނިވަންކަން ސިފަކޮށްފައިވަނީ މިފަދަ މަލާމާތުގެ މޭރުމަކުންނެވެ.
ރާއްޖޭގެ އޭރުގެ ވެރިންނަށް ވެސް އެކަން ވިސްނިވަޑައިގެންނެވި އެވެ. މިނިވަންކަން ލިބުމަކުން އެކަނި ނުފުދޭނެ ކަމެވެ. މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެހެން ގައުމުތަކާއެކު ގުޅުންތައް ބިނާކޮށް، ބޭރު ދުނިޔޭގައި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތުމުގެ މުހިންމު ކަމެވެ.
އޭގެ އެންމެ ކުރު މަގަކީ، ދުނިޔޭގެ ބޮޑެތި ބާރުތައް ޖަމާވެ ތިބި އދ. ކަން ގަބޫލުކުރެވި، އދ.ގެ މެމްބަރުކަން ހޯދަން، މިނިވަންކަމުގެ ސޮއިކުރިތާ އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭން އެދި ހުށަހެޅި އެވެ. ނަމަވެސް، އދ. ގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހެޅުމުން، އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން އެތައް ސުވާލެއް އުފެއްދި އެވެ. ރާއްޖެ ފަދަ ކުޑަ، ވަސީލަތްތައް މަދު ގައުމަކަށް އދ. ގެ މެމްބަރު ގައުމެއްގެ ބުރަ ޒިންމާ، އުފުލޭނެކަމާ މެދު އެވެ.
"އެކަންވީ ދުނިޔެ ހައިރާންކޮށްލި ކަމަކަށް. އޭގެ ކުރިން އދ. މަޖިލީހުގައި މިފަދަ ކުޑަ ގައުމެއް ބައިވެރިވެފައެއް ނެތް. ވަރަށް ގިނަ މީހުން ހިޔާލު ކުރަން ފެށި. އެ ތަނެއްގެ ރައްޔިތުންގެ އަދަދު ކިރިޔާ އެއްލައްކަ ހަމަވާ ތަނެއް އެއީ، އދ. މަޖިލީހުގައި ބައިވެރި ކުރެވިދާނެ ގައުމެއް ބާވައޭ. އެހާ ކުޑަކުޑަ ގައުމަކާ، އެމެރިކާ ނުވަތަ ރޫސީވިލާތް ފަދަ ބޮޑެތި ގައުމުތަކާ އެއްހަމައަކުން އދ. މަޖިލީހުގައި ވޯޓު ދެވެމުން ގެންދެވިދާނެބާވައޭ،" މައުމޫންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެ އެވެ.
އެކަމަކު ރާއްޖޭން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އދ.ގެ ޗާޓަރާ ހަވާލާދީ، އެ ހުރަސްތަކަށް ސީދާ ގޮންޖެހި އެވެ. އެ ޗާޓަރުގައި ކުޑަ ގައުމަކަށް ވީތީ، މެމްބަރުކަން ނުދެވޭނެ އެއްވެސް މާއްދާއެއް ނެތެވެ. މެމްބަރުކަން ދިނުމުގައި ގައުމުގެ ސައިޒަށް، އާބާދީގެ ނިސްބަތަށް ނޫނީ އިގުތިސާދީ ހައިސިއްޔަތަށް ބެލޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ބުނަމުންނެވެ. އދ. ގައި ކިތަންމެ ކުޑަޔަސް، ކޮންމެ ގައުމަކަށް ވެސް ލެވޭނީ އެންމެ ވޯޓެކެވެ. އެކަމުގައި އެއްވެސް އިސްތިސްނާއެއް އދ. ގެ ޗާޓަރަކުން ނުދެވެ އެވެ.
ބާރުގަދަ ގައުމުތަކުގެ މާބޮޑު އެއްބާރުލުމެއް ނެތަސް ރާއްޖޭން އދ. ގެ މެމްބަރުކަން ހޯދުން ވެގެން ގޮސްފައިވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ އިތުރުން ލިބިފައިވާ މިނިވަން ދަމަހައްޓަން ފެށުނު އެންމެ މުހިންމު ބާބެވެ.
ވިޔަފާރީ ގުޅުންތަކުން ގައުމެއްގެ އަމިއްލަ ހައިސިއްޔަތު، ހާރިޖީ ގުޅުންތަކުގެ ތެރެއިން ވެސް ހާސިލުކުރެވޭނެ ކަމުގެ ނަމޫނާ ދައްކަމުންނެވެ. މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެއަށް ދެމިއޮވެވޭނީ، ބޮޑެތި ގައުމުތަކާ ހާރިޖީ ގުޅުން ގާއިމުކޮށް، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބޭރު ދުނިޔެއިން ބަލައިގަތުމުން ކަން އެނގިތިބެ އެވެ.
"އަޅުގަނޑުމެންގެ ރާއްޖެއަށް މިނިވަންކަން ލިބި، ޔުނައިޓެޑް ނޭޝަންސްގެ މެންބަރަކަށްވީ ދުވަހުން ފެށިގެން، އަޅުގަނޑުމެން އެނބުރި ފަސްބަލައެއް ނުލަން. އަޅުގަނޑުމެން ދިޔައީ ކުރިއަށް،" މައުމޫން އޭރު ވިދާޅުވެފައި ވެ އެވެ.
ދުނިޔޭގެ ކުދި އެތައް ގައުމެއް މިހާރު އދ. ގެ މެމްބަރުންގެ ގޮތުގައި އެ ތިބީ ރާއްޖޭން 1965 ވަނަ އަހަރު ކޮށައިދިން މަގުން ދަތުރުކޮށްގެންނެވެ.
މެމްބަރުކަން ލިބުމުން ފުއްދައި ނުލައި، ފާއިތުވި 60 އަހަރުގެ ތެރޭގައި އދ. ގެ އޮނިގަނޑުގެ ތެރެއިން، ރާއްޖޭގެ ފުރިހަމަ މަސްލަހަތު ހިމާޔަތްކޮށް، ދުނިޔެއަށް ކުރިމަތިވި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ވަނީ އަޑުއުފުލައި، ހަރު އަޑުން ވަކާލާތުކޮށްފަ އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކަށް ސަރުކާރުތަކުގެ މެދުގައި ހައްލުތަކެއް ހޯދަން ޖެހޭ ކަމަށް 1987 ވަނަ އަހަރު ފުރަތަމަ ގޮވާލީ ރާއްޖެ އިންނެވެ.
އޭގެ ދެ އަހަރު ފަހުން 1989 ވަނަ އަހަރު، ކުދި ގައުމުތަކުގެ ހާލަތު އދ. ގެ އާންމު މަޖިލީހަށް ތައާރަފްކޮށް، އެފަދަ ގައުމުތަކަށް ސަލާމަތީ ގޮތުން ކުރިމަތިވާ ތަފާތު ނުރައްކާތަކާއި ނާޒުކު ހާލަތްތަކަށް ދުނިޔެ ލޯހުޅުވައިދިނެވެ.
ރާއްޖޭގެ މި ދެ އިސްނެގުމަކީ، ޖަޒީރާ ގައުމުތަކުގެ 1992 ވަނަ އަހަރު އާތް ސަމިޓްގެ ކުރިން، ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތަށް އެއް އަޑަކުން ވަކާލާތު ކުރުމުގެ މަގު ފަހިވި، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯއެސްއައިއެސް) އުފެއްދުމުގެ ބިންގާ އެޅުނު ދެ އިސްނެގުމެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މިއަދު ރާއްޖެ ބަލައިގަންނަނީ އެ ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގަ އެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގައި ރާއްޖޭން ނަގާ ސްޓޭންޑު އެ ގައުމުތަކުން އިސް ކުރެ އެވެ.
ކުޑަ ގައުމަކުން، ބައިނަލްއަގުވާމީ އަދި ހާރިޖީ ހަރުދަނާ ގުޅުންތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި މަޝްވަރާގެ ރިވެތި އުސޫލުތަކުގެ ތެރެއިން ދުނިޔޭގައި ތަފާތު ދެއްކިދާނެ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އދ. ގެ މެމްބަރުކަން ދިނުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނި، ކުޑަކުޑަ ރާއްޖޭން ވަނީ، އެ މަޖިލީހުގެ އެންމެ އިސް ގޮނޑީގައި އިށީނދެ، ރައީސްކަން ވެސް ކޮށްފަ އެވެ. މިނިވަން، މުސްތަގިއްލު ގައުމެއް ކަމާމެދު އޭރު އުފެއްދި ސުވާލުތަކަށް، ދެވޭނެ އެންމެ ސާފު ޖަވާބު ދީފަ އެވެ.