25 ޖުލައި 2025 - 20:50

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއާ ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ބިދޭސީންނާއި ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް، މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތައް ލިބި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެެއްވި އެވެ.
އެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށާއި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓް ބޭނުންކުރެވޭނެ އެވެ.
"ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމާ އެކު ބީއެމްއެލްގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވޭ ގޮތް ހަދާފައި ވާއިރު ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ އެކު ރުޕޭ ކާޑު ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައި ދިވެހިންނަށް އެ ހިދުމަތް އިންޑިއާގައި ލިބޭނެ ގޮތް އަންނަ އަހަރުގެ ކުރީކޮޅު ހަމަޖެހޭނެ ކަމަށެވެ.