25 ޖުލައި 2025 - 19:30

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާދަމާ ރޭ މާލެ ވަށައި 19 ދިމާލަކުން ހަ މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާއަރުވާނެ ކަމަށެވެ.

ހަވާ އަރުވަން ފަށާނީ މާދަމާ ރޭ 8:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލް މާދަމާ ރޭ ހުޅުވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.
އެމްއޭސީއެލް އިން ބުނެފައިވަނީ މިފަހަރު އަރުވާ ހަވާ "ތާރީހީ ހަވަޔަކަށް ވާނެ" ކަމަށާއި ސަޕްރައިޒްތަކެއް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ރާއްޖޭގައި މިހާތަނަށް އެރުވި އެންމެ ތާރީހީ ހަވާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ހަވާއެރުވުމެވެ.
މާލެ ވަށައިގެން ހަވާ އަރުވަން ހަމަޖައްސާފައި ވާއިރު މިކަން ވާނީ މިހާތަނަށް ރާއްޖޭގައި މިހާ ބޮޑު ސަރަހައްދެއްގައި އަރުވާ ފުރަތަމަ ހަވަޔަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލް ހެދުމަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.