25 ޖުލައި 2025 - 18:45

އިންޑިއާގެ ދެ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތް ކުރި "ގެދޮރުވެރިޔާ" ފްލެޓްތަކުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ޕްރޮގްރާމްގެ 4،000 ފްލެޓްގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރިއަށް ގެންދިޔައީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އާއި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްގެންނެވެ. ކޮންމެ ކުންފުންޏަކުން 2000 ފްލެޓް ވަނީ އަޅައިފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ދެ ގައުމުގެ ރަސްމީ މަޝްވަރާ ބައްދަލުވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެތަނުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު މޯދީ އެވެ.
އެފްޑީސީން މިިދިޔަ ހޯމަ ދުވަހު ވަނީ އެ ފްލެޓްތައް ލިބޭ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފަ އެވެ.
ހުޅުމާލެ 2 ގައި އަޅާފައިވާ 4،000 ފްލެޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް މި ސަރުކާރުން ވެސް ބުނެފައިވެ އެވެ.