25 ޖުލައި 2025 - 15:13

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި ދެންމެ މަރުހަބާ ދަންނަވައިފި އެވެ.

މޯދީއަށް މާލެއިން އިސްވެ މަރުހަބާ ވިދާޅުވީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާއި ދިވެހި ސަރުކާރުގެ އެހެން އިސްވެރިން ވަނީ މޯދީއަށް މަރުހަބާ ވިދާޅުވުމަށް ޖުމްހޫރީ މައިދާނަށް ވަޑައިގެންފަ އެވެ.

އެ އަށް ފަހު މޯދީ ވަނީ ރައީސް މުއިއްޒާ އެކު، ސްކޫލްތަކުގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމެއް ޖުމްހޫރީ މައިދާނުގައި ބައްލަވާލައްވައިފަ އެވެ. އަދި ދިވެހި އަސްކަރިއްޔާއިން ވަނީ މޯދީގެ އިއްޒަތުގައި ޝަރަފުގެ ބަޑި ޖަހައިފަ އެވެ. އެ އަށް ފަހު، ސިފައިންގެ ބޭންޑުން ވަނީ ދެ ގައުމުގެ ގައުމީ ސަލާން ހުށަހަޅައިދީފަ އެވެ.
މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން އޮތީ ވަރަށް ބޮޑަށް ޒީނަތްތެރި ވެސް ކޮށްފަ އެވެ. އެ ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފަ އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަހު، މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް މޯދީ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގަ އެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު އެވެ. މޯދީއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ރައީސް މުއިއްޒެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.
މޯދީގެ ދަތުރުފުޅުގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވުން ހިމެނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.