25 ޖުލައި 2025 - 12:18

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވާން އެއާޕޯޓަށް ވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ސީދާ އެ ގައުމުންނެވެ. ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރުފުޅަކަށް ފަހު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ ސީދާ ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒު ވިދާޅުވި މަރުހަބާ ފާހަގަކުރައްވައި، މޯދީ ދެންމެ ވަނީ ދިވެހި ބަހުން އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރުހަބާ ކިޔުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން،" މޯދީ ވިދާޅުވި އެވެ.
"އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން."
މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާއެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް މުއިއްޒާއި މޯދީގެ ފޮޓޯފުޅާއި ދިދަ ޖަހައި ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ ޖަހައި ގިޑިގެތައް ވެސް ހަރުކޮށްފަ އެވެ.
މާދަމާގެ ނިޔަލަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މާލެ އިން ރަސްމީކޮށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދުގެ މެންދުރު ފަހު އެވެ. އޭގެ ފަހުން ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ.