25 ޖުލައި 2025 - 10:33

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު އިއުލާންކުރި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގެން ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޑިސަނަޔަކެ ރާއްޖެއަށް މި ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް މިއަދު ހެނދުނު ވަނީ ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގެންފަ އެވެ. މޯދީގެ ފުރަމާނަ ދަތުރުފުޅުގައި، ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުތައް ބައްލަވައިލައްވާނެ އެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.