މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ/ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ
މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ/ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓިކެޓު ބުކްކުރާއިރު، އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ދެން ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

ނަމަވެސް، އެ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭ ނަމަ[email protected]ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެ ކަމަށް ބުންޏެވެ. މައުލޫމާތު އިސްލާހު ކުރުމަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

އެ ކުންފުނިން ބުނީ ޓިކެޓު ބުކިން ޕްރޮސެސް އަށް ބަދަލުތަކެއް ގެނައީ ކަސްޓަމަރުންގެ ޕްރައިވަރީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 18 މަންޒިލް އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެ އެވެ.