ރެސްލިން ލެޖެންޑް ހަލްކް ހޯގަން މަރުވެއްޖެ
ރެސްލިން ލެޖެންޑް ހަލްކް ހޯގަން މަރުވެއްޖެ

އައްޑިހައިގެ އަހަރުތަކުގައި ޕްރޮފެޝަނަލް ރެސްލިންގައި މަޝްހޫރުކަން ހޯދައި އޭގެ ފަހުން އެކްޓިންގައި ވެސް ހުނަރު ދައްކާލި ހަލްކް ހޯގަން އުމުރުން 71 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ރެސްލިން ލެޖެންޑް ހަލްކް ހޯގަން މަރުވެއްޖެ
ރެސްލިން ލެޖެންޑް ހަލްކް ހޯގަން މަރުވެއްޖެ

ހުދު ކުލައިގެ ބޮޑު އަދި ވަރުގަދަ މަތިމަހަކާއި ދެ މީޓަރުގެ ދިގު އިސްކޮޅާއި ވަރުގަދަ ހަށިގަނޑުން މުޅިން ތަފާތު ޝަހުސިއްޔަތެއްގެ ގޮތުގައި މަގުބޫލުވި ހަލްކު މަރުވީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ އޭނާގެ ގޭގައި ކަމަށް، މެނޭޖަރު ކްރިސް ވޮލޯއާ ހަވާލާދީ އެންބީސީ ނިއުސް އިން ބުނެފައިވެ އެވެ.

ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަލްކަށް ފަރުވާ ބޭނުންވެގެން އިމަޖެންސީ ސާވިސްއަށް ރިޕޯޓްކޮށްފައިވަނީ ކާޑިއެކް އެރެސްޓެއްގެ ސަބަބުންނެވެ.

ރެސްލިން ރިންގުގައި ހަލްކަކީ ހިތްވަރުގަދަ "އޯލް އެމެރިކަން" ކެރެކްޓާއެއްގެ ގޮތުގައި ދައްކުވައިދީ އޭނާގެ ރެސްލިން ހުނަރުން މި ކުޅިވަރު އާއިލީ މުނިފޫހިފިލުވުމަކަށް ބަދަލުކޮށްދީފައިވެ އެވެ. އެތައް މިލިއަން ބަޔަކު ރެސްލިން ބަލަން ފެށި ސަބަބަކަށް ހަލްކު ވެފައި ވާއިރު އޭނާ އަކީ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރު ލީގަކަށް ރެސްލިން ބަދަލުކޮށްލުމުގައި އެންމެ ބޮޑު އެއް ބާރެވެ.

އަސްލު ނަމަކަށް "ޓެރީ ބޮލިއާ" ކިޔާ ހަލްކް އެންމެ ފުރަތަމަ ވޯލްޑް ރެސްލިން ފެޑެރޭޝަން (ޑަބްލިއުޑަބްލިއުއެފް، މިހާރު ޑަބްލިއުޑަބްލިއުއީ) ގައި ބައިވެރިވީ 1979 ވަނަ އަހަރު އެވެ. ނަމަވެސް 1980 ގެ އަހަރުތަކުގެ މެދުތެރޭގައި އަންދްރޭ ދަ ޖަޔަންޓް އަދި "ރައުޑީ" ރޮޑީ ޕައިޕާ ފަދަ ބައިވެރިންނާ އެކު އޭނާ ވަނީ މި ބެލުންތެރިންގެ ލޯބި ހޯދައި މިކަމުގައި ދެމިހުރެފަ އެވެ.

އޭނާގެ ބްރޭންޑް "ހަލްކަމާނިއާ" ކުޑަ އަދި ބޮޑު ސްކްރީނަށް ގެނެސް "ރޮކީ 3"، "ނޯ ހޯލްޑްސް ބާޑް" އަދި ޓީވީ ޝޯ "ބޭވޮޗް" ފަދަ ފިލްމުތަކުގައި އެކި ރޯލްތައް ކުޅެފައިވެ އެވެ.

ޑަބްލިއުޑަބްލިއުއީ ހޯލް އޮފް ފޭމްގައި 2005 ވަނަ އަހަރު އޭނާ ވަނީ ހިމެނިފަ އެވެ.

މި ފަހުން ހަލްކު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި ނުކުމެ ކެމްޕެއިންގައި ވެސް ބައިވެރިވެފަ އެވެ. ރިޕަބްލިކަން ނެޝަނަލް ކޮންވެންޝަން 2024 ގައި ޓްރަމްޕްގެ ނަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާނުކުރި ހަފްލާގައި، ޓްރަމްޕް-ވެންސް ޓޭންކް ޓޮޕެއް ލައިގެން ހުރެ އެ ދެއްކުމަށް، ޓީޝާޓު ވީދާލި މަންޒަރުން ގިނަ ބައެއްގެ ސަމާލުކަން ވެސް ހަލްކު ހޯދާފައިވެ އެވެ. -- އެއެފްޕީ