24 ޖުލައި 2025 - 20:55

ފަހި ދިރިއުޅުން ކޯޕަރޭޝަން ހުޅުމާލޭގައި އިމާރަތްކުރަމުން އަންނަ ފްލެޓުތަކަށް ކުލި ނުދައްކާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ އެ އެޕާޓްމަންޓު އަތުލަން ކޯޓަށް ހުށަހެޅޭނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ކުންފުނިން ހުޅުމާލެ 2 ގައި ހަދަމުން 4،000 ފްލެޓު ލިބޭ މީހުން ފައިނަލްކޮށް، އެގްރިމެންޓުގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ. އެއަށްފަހު، އެޕާޓްމަންޓަށް ޑައުންޕޭމަންޓު ދެއްކުމުން ތަޅުދަނޑި ހަވާލުކުރާނެ އެވެ.
ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަދާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، ހަދަމުން އަންނަ މި އެގްރިމެންޓާ ގުޅޭގޮތުން، ހަމްދާން "މިހާރު"އަށް ވިދާޅުވީ އެޕާޓްމަންޓަށް ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކާތާ 30 ދުވަސް ވެއްޖެނަމަ، އެކަން ފުރިހަމަކުރަން 30 ދުވަހުގެ ނޯޓިހެއް ފޮނުވާނެ ކަމަށެވެ.
އެއަށްފަހު، އިތުރު 30 ދުވަސް ވެއްޖެނަމަ ދެ ވަނަ ނޯޓިސް ފޮނުވާނެ ކަމަށާއި އަދި އެއަށްފަހު ފައިނަލް ނޯޓިސް، އޭގެ 15 ދުވަސް ފަހުން ފޮނުވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއްދަތުތަކުގެ ތެރޭގައި ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކައިފިނަމަ، އެގްރިމެންޓު ބާތިލްކޮށް އެޕާޓްމަންޓު ހުސްކުރުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަދަބެއް ދިނުމެއް ނޫން މީގެ ބޭނުމަކީ. ކުލި ހޯދުން މައިގަނޑު މަގުސަދަކީ. ކުލި ނުދައްކަނީ ހަގީގަތުގައި ވެސް ކުލި ނުދެއްކޭތީ ކަމަށް ވަންޏާ އެކަމަށް ވެސް ފައިނޭންޝަލް ޕްލޭންތަކެއް، ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ،" ހަމްދާން ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެ ފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓު ކުއްޔަށް ނުވަތަ ފުލް ސަބްލީސަކަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ ކަމަށް ވެ އެވެ.
ހަމްދާން ވިދާޅުވީ މި ފަހަރުގެ އެގްރިމެންޓު ވެސް ހަދާފައިވަނީ އެކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ. އެހެންވެ، އެއާ ހިލާފުވެއްޖެނަމަ އެފްޑީސީއާއެކު އެ ފަރާތުން ހަދާފައިވާ އެގްރިމެންޓު ވެސް ބާތިލްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އެޕާޓްމަންޓެއް ކުއްޔަށް ދޫކޮށްފިނަމަ އެގްރިމެންޓާ ހިލާފުވި ކަމަށް ނިންމައި ފިޔަވަޅު އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެފްޑީސީން ވަނީ ބަރާބަރަށް ކުލި ދައްކާ މީހުންނަށް ސަބްސިޑީ ލިބޭނެ ގޮތްތައް ވެސް ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން، އެ މަހެއްގެ 10 ގެ ކުރިން ދައްކައިފިނަމަ އެ މީހަކަށް ސަބްސިޑީގެ 100 ޕަސެންޓު މަންފާ ލިބޭނެ އެވެ. އެއަށް ފަހުން، ކުލި ދައްކާ މީހުން ދައްކަންޖެހޭ އަދަދު ބޮޑުވާނެ އެވެ.
އޭގެ ތަފްސީލު ދެއްވަމުން ހަމްދާން ވިދާޅުވީ، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަސްލު ކުއްޔަކީ 9،000ރ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ޖެހެނީ 13،000ރ. ކަމަށެވެ. ސަރުކާރުން އިއުލާންކުރީ ސަބްސިޑައިޒްކުރި ކުލި ކަމަށާއި އެހެންވެ، އެ މަހެއްގެ 26 ގެ ފަހުން ކުއްޔާއި މެއިންޓެނަންސް ފީ ދައްކާނަމަ ބޮޑު އަދަދެއް ދައްކަންޖެހޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
މާނައަކީ، އެ މަހެއްގެ ފަހުކޮޅު ކުލި ދައްކާނަމަ ދެ ކޮޓަރީގެ ތަނަކަށް 9،000ރ. އަދި މެއިންޓެނަންސް ފީގެ 1،000ރ. އާއެކު ޖުމްލަ 10،000ރ. ދައްކަންޖެހޭނެ އެވެ. ތިން ކޮޓަރިއަށް 13،000ރ. އަދި މެއިންޓެނަންސް ފީގެ 15،00ރ. އާއެކު 14،500ރ. ދައްކަން ޖެހުމެވެ.
ސަބްސިޑައިޒްކުރުމަށްފަހު ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިހާރު ޖެހެނީ 7،000ރ. އެވެ. އެ ތަންތަނަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދައްކަންޖެހެ އެވެ.
ތިން ކޮޓަރީގެ ތަނަކަށް 9،500ރ. އަދި ޑިޕޮސިޓިގެ ގޮތުގައި 25،000ރ. ދައްކަންޖެހެ އެވެ.
ސަރުކާރުން 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް އެއްކޮށް ނިންމައިފަ އެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.