24 ޖުލައި 2025 - 20:03

މާލޭގައި ބީޗު ވޮލީ ކުޅޭ ސަރަހައްދުގެ އިރުމައްޗަށް އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ގޮތަށް ކާނިވަލެއް ހަދައިދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ އަމިއްލަ ހަރަދުގައި ކާނިވަލެއް ހަދައި، ދިގު މުއްދަތަކަށް އެ އެތަން ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އަންނަ މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.
މާލޭގައި ކާނިވަލެއް ހެދުމަކީ މޭޔަރު އާދަމް އާޒިމްގެ ވައުދެކެވެ.
އަލިމަސް ކާނިވަލުގެ ގޮތުގައި މިހާރު މަޝްހޫރު ސްޓޭޖު ސަރަހައްދަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރަން 2004 ވަނަ އަހަރު ހުޅުވި ތަނެކެވެ. އޭރު އެ ތަނުގައި ތަފާތު ކުޅިވަރުތައް ކުޅެވުނެވެ.
ސިޓީ ކައުންސިލުން ކާނިވަލެއް ހަދަނީ އެ ކޮންސެޕްޓަށެވެ.