24 ޖުލައި 2025 - 15:03

ފުލުހުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް ހަތަރު ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ގއ. ނިލަންދޫ، މާޑު، މުއާވިޔަތު އަހްމަދު، 30، ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ގަލޮޅުގެ ދެ ގެއެއް ބަލައި ފާސްކުުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ފެނުނީ އެތަނުން އެއް ގެޔަކުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.