24 ޖުލައި 2025 - 14:38

އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު، ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ.
ފުލުހުން ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އެ މީހުން ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ތިބި ދެ މީހުން ހުޅުމާލެ 2 ގައި މީހުން ނޫޅޭ ހިސާބަކަށް ގޮސް ފައިބައި ކާރަށް ވެފައި ހުރި ގެއްލުން ބަލަ އެވެ.
ކަޅު ކުލައިގެ އެ ސްޕޯޓްސް ކާރުގެ ކުރީކޮޅުން ބައެއް ނެއްޓި އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.
ކާރުން ފައިބައި ދެ މީހުންގެ ތެރެއިން އެކަކު ހުންނަނީ ރަތް ކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އަނެއް މީހާ ހުންނަނީ މަޑު މުށި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެންނެވެ.
އެ މީހުން ކައިރިއަށް އެޗްޑީސީގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ދާތަން ވެސް ވީޑިއޯއިން ފެނެ އެވެ.