23 މާޗް 2017 - 06:18

އަންނަ މަހުގެ ފަހެއްގައި އަޅުވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "މީ ލޯތްބަކީ" ގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން އަންނަ އިރު، ޓިކެޓަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ފަހަރު 150ރ. އަށް ވިއްކި ޕްރިމިއާ ޝޯ މިހާރު އެއްކޮށް ފުލްވެފައިވާ ކަމަށެވެ. އެހެން ޝޯތަކުގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ.
"ޓިކެޓް ވިކެމުންދާ ސްޕީޑާ ދޭތެރޭ އަޅުގަނޑުމެން ހިތްހަމަޖެހޭ މަހުގެ ފަހުކޮޅާ ބަލައިފައި. އަނެއްކާ މި ދުވަސްކޮޅު ސްވައިން ފްލޫ ކަންތައް ވެސް އެބައުޅޭ ނޫންތޯ،" އޭނާ ބުންޏެވެ. "އެކަން ހަމައަކަށް އެޅުނީމަ، ފިލްމްގެ ޓިކެޓް މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ ކަމަށް ގަބޫލު ކުރެވޭ."
މަދުވެގެން 15 ޝޯ އޮލިމްޕަހުގައި ދައްކަން ޑާކް ރެއިނުން ވަނީ ނިންމައިފަ އެވެ.
"ދެން ފިލްމަށް ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރު ވެސް ކުރާ ކަހަލަ ވިސްނުމެއް މި ގެންގުޅެނީ،" މޮގާ ބުންޏެވެ.
"މީ ލޯތްބަކީ" އަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.
"މީ ލޯތްބަކީ" އަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އަށް ފަހު ގެނެސްދޭ، އެ ސްޓޫޑިއޯގެ ދެވަނަ ރޮމޭންޓިކް ކޮމެޑީ އެވެ.
އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ "މީ ލޯތްބަކީ" އަކީ މި އަހަރުގެ އެންމެ އުންމީދީ އަދި ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމް ވެސް މެ އެވެ.
"ފިލްމުގެ ދެ ލަވައެއް އަނެއްކާ ވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ދައްކާލަން މިހާރު މި އަންނަނީ ތައްޔާރުވަމުން،" ޓްރެއިލާ އާއި އެއް ލަވަ ދައްކާލާފައިވާ ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ބުންޏެވެ. "އަދި ވަރަށް އަވަހަށް ފިލްމުގެ މޭކިން ވެސް ރިލީޒް ކުރާނެ."