24 ޖުލައި 2025 - 14:11

ނ. ވެލިދޫގައި ސީޕްލޭންގެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.

ރައީސް ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ކަނޑައަޅާފައި ވިޔަސް، ވެލިދު އަށް ހާއްސަކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.

ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހަދައި، އެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެލިދޫގައި ސްޓޭޝަން ކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ހިދުމަތް ވެސް ޖެނުއަރީ މަހު ފަށާނެ ކަމަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން މިހާރު ވެސް އަންނަނީ ބ. ފުޅަދު އާއި ފެހެންދޫ އަދި ގޮއިދުއަށް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ.

ދެހާހަށް ވުރެ ގިނަ މީހުންނާއެކު، ނ. އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮތް ރަށް ކަމަށްވާ ވެލިދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވެލިދޫގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ރައީސް ވަނީ އިއްޔެ ފައްޓަވައި ދެއްވައިފަ އެވެ. އަދި އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ހިއްކާ ސަރަހައްދުގެ މަސައްކަތް ފައްޓަވައި ދެއްވައި، ވެލިދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ ވެސް އަޅުއްވައިދެއްވި އެވެ.
ވެލިދޫ ބަނދަރުގައި ހުރި ދަތިތައް ތަފުސީލްކޮށް ލިޔެ، ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު ރައީސަށް ވަނީ އިއްޔެ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަނާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އޭގައި ފާހަގަކޮށްފައި ހުރި ކަންކަން ކަމާބެހޭ މިނިސްޓްރީން ފަންނީ ގޮތުން ދިރާސާކުރުމަށް ފަހުގައި ރައްޔިތުން އެދޭ ބަދަލުތަކާއެކު ވެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތް ނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެލިދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއަކާއި ސްކޫލަށް ކްލާސްރޫމާއި ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ހިންގާނެ ކަމަށެވެ. ވެލިދޫގައި ފުޓްސަލް ދަނޑަކާއި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ފެށުމަށް އަންނަ ސެޕްޓެމްބަރު މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.