24 ޖުލައި 2025 - 12:21

އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް "ރަންރީނދޫ" ގެ ނަމުގައި މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމި ދުވުމުގެ ހަރަކާތް އަންނަ އޮގަސްޓް 1 އަށް ފަސްކޮށްފި އެވެ.
މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަން އެ ޕާޓީން ފުރަތަމަ ބޭނުންވީ މި މަހު 18 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ނަމަވެސް އެ ދުވުމަށް އެޗްޑީސީގެ ހުއްދަ ނުލިބުމުން އެ ހަރަކާތް މާދަމާ ހަވީރު މާލޭގައި ބާއްވަން އެ ޕާޓީން ނިންމީ މިދިޔަ ހަފުތާގަ އެވެ.
އެކަމަކު، އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ދުވުން ހުޅުމާލޭގައި ބޭއްވުމުގެ ހުއްދަ ލިބިފައިވާތީ މާދަމާ ބާއްވަން ކުރިން ނިންމި ދުވުން ލަސް ކޮށްފައިވާ ކަމަށެވެ.
އެ ޕާޓީން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެ ދުވުން ބޭއްވުމަށެވެ. ބާއްވާނެ ގަޑި އާއި އިތުރު ތަފްސީލު ފަހުން އާންމު ކުރާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ދުވުން ފަސްކުރިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެހެންވެ އާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް ބާއްވާ ހަރަކާތްތަކާ ގުޅިގެން މާލެ އަށް މި ދުވަސްކޮޅު ވަނީ ވަރަށް ބާރު ބޮޑުވެފަ އެވެ. ހާއްސަކޮށް ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށް"އެވެ. ރަންރީންދޫ ދުވުމުގައި ދަންމަރެއް ރޯކުރާނެ އެވެ.
އެމްޑީޕީން ބުނީ ހުޅުމާލޭގައި ދުވުމަށް ފަހު ދެން އެ ދަންމަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ އެ ދުވުމުގައި ދަންމަރެއް އެމްޑީޕީން މިދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.