24 ޖުލައި 2025 - 13:16

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ހިންގާ ހަރަކާތްތަކާ ގުޅިގެން، ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ވަކި ގަޑިތަކެއްގައި އުޅަނދުތައް ޕާކް ކުރުން ފުލުހުން މަނާކޮށްފި އެވެ.
ފުލުހުންގެ އެންގުމުގައި ވަނީ އެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ހުރިހާ އުޅަނދެއް މިއަދުގެ ހަވީރު 6:00 ކުރިން ނެގުމަށެވެ.
އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގައި ހުންނަ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
- ބޮޑުތަކުރުފާނު މަގު (ބީއެމްއެލްއިން ފެށިގެން ލޯކަލް މާރުކޭޓާ ހިސާބަށް)
- އަމީރު އަހުމަދު މަގު (މަޖީދިއްޔާ ސްކޫލާ ހިސާބަށް)
- މެދުޒިޔާރަތް މަގު
- ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށައިގެންވާ މަގުތައް
- ޗާނދަނީ މަގު (ލީލީ މަގާ ގުޅޭ ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް)
- ލިލީ މަގު (ސަލްޓަން ޕާކު ހިމެނޭ ސަރަހައްދު)
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން، ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ. ގިނަ ބައެއްގެ ބައިވެރިވުމާ އެކު، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން އަންނަ ހޯމަ ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދު ވެސް ކޮށްފަ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި 26 ވަނަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމާއި އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ އެވެ. އެ ހަރަކާތުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތައް އޮންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ވެސް މާލެ އާއި ހުޅުމާލޭގައި 28 ވަނަ ދުވަހުގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.