14 ޖޫން 2016 - 16:57

މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިހާބު، އާންމު ފަރާތަކުން ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ފަސްކުރަން ސްޕޯޓްސް ކޮމިޝަނުން އަންގައިފި އެވެ.
ކޮމިޝަނަ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) "މިހާރަ" ށް ވިދާޅުވީ އާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ އަކާ ގުޅިގެން މާދަމާރޭގެ ކްރިކެޓް އިންތިހާބު ނުބޭއްވުމަށް އެ އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އާންމު ފަރާތަކުން ފޮނުވި ދެ ސިޓީއެއްގައިވާ ކަންތައްތަކަށް ބަލާއިރު ކްރިކެޓް އިންތިހާބަށް ދިއުމުގެ ކުރިން އެބަހުރި ބަލަންޖެހޭ ކަންތައްތަކެއް. މި ކަންތައްތަކަށް ނުބަލައި އިންތިހާބެއް ބޭއްވުމަކީ އިންސާފުވެރިކަމަކަށް ނުވާތީ އަަޅުގަނޑުމެން ކްރިކެޓް ބޯޑަށް އެންގީ އިންތިހާބު މާދަމާރޭ ނުބޭއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިކެޓް އިންތިހާބާ ގުޅޭގޮތުން މާދަމާ ކްރިކެޓް ބޯޑުގެ މެންބަރުންނާ ބައްދަލުކުރާނެ ކަމަށާއި މަޝްވަރާތަކަށް ފަހު ކްރިކެޓް އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.