24 ޖުލައި 2025 - 09:46

ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތަކުގެ ފުރަތަމަ ޓާމު ޗުއްޓީ މިއަދު ފަށައިފި އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓު މަހުގެ 10 ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަމުން ދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުން ބަދަލުކޮށް ޖެނުއަރީ މަހު ކިޔެވުން ފަށާގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށެވެ.
އެހެންވެ، އަންނަ އަހަރު ޖެނުއަރީގައި ފަށާ ދިރާސީ އަހަރުގެ ކިޔެވުމާ އެކު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ އެވެ.