ދައުލަތުން ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ފުލުސް އޮފިސަރުންގެ މައްސަލަ ބާތިލުކޮށްފި
ދައުލަތުން ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ފުލުސް އޮފިސަރުންގެ މައްސަލަ ބާތިލުކޮށްފި

ޕޮލިސް ބޯޑުގެ ލަފަޔަށް ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، އެ ކޯޓުން އެ މައްސަލަ މިއަދު ބާތިލުކޮށްފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މި މައްސަލަ ބާލިކުރި އިރު، އެ ކޯޓުގައި މި މައްސަލަ ތާށިވެފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.

މި މައްސަލަ ބާތިލުކުރި އިރު، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށް، އެ އަށް އަމަލުނުކުރަން ހައިކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.

ހައި ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔައީ ގައުމީ ސަލާމަތަށް ބަލައި، އާންމުކޮށް ހުޅުވައި ނުލަ އެވެ.

ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ފުލުހުންގެ އިސް ފަސް އޮފިސަރުންގެ މައްސަލަ ހައި ކޯޓުން ބާތިލް ކުރިއިރު އެ ކޯޓުގެ ހުކުމުގައި ބުނީ އިސްތިއުނާފުގެ ނަޒާހަތްތެރިކަމަށް ބުރޫއެރުމުގެ އިތުރުން ޝަރުއީ ނިންމުންތަކުގެ އިތުބާރު ވެސް ގެއްލޭ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވައިލި ޕޮލިސް ބޯޑުން ބައެއް މެންބަރުން ވަކިކޮށް ނޮވެމްބަރު 2023 ގައި ވަނީ އާ މެންބަރުން އައްޔަންކޮށްފަ އެވެ. އެ ބަދަލާ އެކު، ހަތް މެންބަރުންގެ ބޯޑުން ވަނީ ހައި ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންދަން ބަންޑާރަ ނައިބުގެ އޮފީހުގައި ޕޮލިސް ބޯޑުން އެދިފަ އެވެ. އެކަމަކު، ބަންޑާރަ ނައިބުގެ އޮފީހުން ވަކި ގޮތެއް ނުނިންމައި މައްސަލަ އޮތީ މިހާތަނަށް ވެސް އިސްތިއުނާފުގެ މަރުހަލާގަ އެވެ.

ޕޮލިސް ބޯޑުން އޮކްޓޫބަރު 2021 ގައި ހަތް އޮފިސަރަކު ވަކިކުރަން ލަފާދިނެވެ. އެ ނިންމުމާ އެކު، ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަކިކުރަން ނޯޓިސް ދިނެވެ. އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ސަބަބެއް ކަމަށް އޮތީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވެސް އޮތީ ވަކިކުރަން ލަފާ ދީފަ އެވެ.

ފުލުހުންގެ އާ ބޯޑުން ވަނީ ކުރީގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް ދިއުމުން އެ ބޭފުޅުންނާ އެއްކޮޅަށް ކުރި ހުކުމް ބޯޑުގެ އެދުމަށް އިސްތިއުނާފުކޮށްފައި ވާތީ، އެ މައްސަލަ އަނބުރާ ގެންނަން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ.