23 ޖުލައި 2025 - 21:42

ވޯލްޑް ކްލާސް ފެންވަރުގެ ކަނާތު ބެކެއް ހޯދަން މެންޗެސްޓާ ސިޓީން އަތްފުނާއަޅަން ފަށައިފި އެވެ.

މި އަހަރު މިހާތަނަށް ނުވަ ކުޅުންތެރިން، އެ ކްލަބުން ސޮއި ކުރުވި އެވެ. ނަމަވެސް ވޯލްޑް ކްލާސް ހުނަރެއް އެ ލިސްޓަކުން ނުލިބުނެވެ.
ޓީމު އިތުރަށް ވަރުގަދަ ކުރަން ކޯޗު ޕެޕް ގާޑިއޯލާ މިހާރު އެންމެ ބޭނުން ވަނީ ކަނާތު ބެކެކެވެ. ލެސްޓާ ސިޓީން އަގުބޮޑުކޮށް ސޮއި ކުރުވި ޑިފެންޑަރު ކައިލް ވާކޯ، ސިޓީން ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ސޮއި ކުރީ ބާންލޭ އަށެވެ.
ކަނާތު ބެކް ވަރުގަދަ ކުރަން، ސިޓީން ބޭނުންވާ ކުޅުންތެރިޔަކީ ބާސެލޯނާގެ ޖޫލް ކުންޑޭ އެވެ. ފްރާންސްގެ ޑިފެންޑަރު ސެވިއްޔާގއި ކުޅުނީ ސެންޓަ ބެކަށެވެ.
އެކަމަކު 2023 ގައި ބާސާ އަށް އޭނާ ބަދަލުވި އިރު އެ ޓީމަށް އެންމެ ބޭނުންވެފައި އޮތީ ކަނާތު ބެކެކެވެ. ބާސާއިން ނިންމީ ކަނާތު ބެކަށް އޭނާ ކުޅުވުމަށެވެ.
ޓީމަށް އެންމެ ބޭނުންވި ވަގުތު ކުޅެން ފެށި މަގާމުގައި ވެސް ކޫންޑޭ މޮޅު ކުޅުމެއް ދެއްކި އެވެ. އުމުރުން 27 އަހަރުގެ ޑިފެންޑަރު، ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާގޮތުގައި އެއްބަސްވުން، އާ ކުރުމުގެ ވާހަކަތައް ކޫންޑޭއާ އެކު ބާސާއިން ދެއްކި އެވެ. އެކަމަކު އަދި މިހާތަނަށް އޭނާގެ ފަރާތުން އިޖާބައެއް ނުލިބުނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ސިޓީން އޭނާ އަށް ޝައުގުވެރިވާކަން ކޫންޑޭ އަށް ވެސް އޮތީ އެނގިފަ އެވެ. އެހެންވެ ސިޓީ އަށް ބަދަލުވުމަށް އޭނާ އިސްކަން ދީފާނެ ކަމަށް ބެލެވެ އެވެ.
ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ނުވާނަމަ، މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ ބާސާ އަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރަނގަޅު އަގަކަށް އޭނާ ވިއްކާލުމެވެ.