23 ޖުލައި 2025 - 20:04

ފަލަސްތީނުގެ ޣައްޒާގައި މިހާރު އާންމުވެފައިވާ ހައިހޫނުކަމަކީ އިޒްރޭލުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ނޫން ކަމަށް އިޒްރޭލުން ޒިންމާއިން ރެކެން ވާހަކަ ދައްކައިފި އެވެ.
އިޒްރޭލުގެ މީހެ 21 މަސް ދުވަސް ކުރިން ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަދިވެސް ކުރިއަށް ގެންދާއިރު އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ޣައްޒާއިން ވަނީ ކާނާ އާއި އަސާސީ ހުރިހާ އެއްޗެއް ގާތްގަނޑަކަށް ހުސްވެފަ އެވެ.
ޣައްޒާއަށް އެއްވެސް އެއްޗެއް ނުވެއްދޭ ގޮތަށް ދެ މަސް ދުވަހު ބޭއްވުމަށް ފަހު މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާ އާއި އިޒްރޭލު ބޭނުންވާ އެމެރިކާގެ ޖަމާއަތެއް ލައްވާ ޣައްޒާއަށް އެހީގެ ތަކެތި ވަނީ ފޯރުކޮށްދޭން ފަށައިފަ އެވެ. އެކަމަކު ޣައްޒާގައި ހައިހޫނުކަން އާންމުވެފައި އޮތް ވަރަށް ބަލާއިރު އެކަށީގެންވާ ގޮތަށް އެހީ ނުދެވޭ ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ.
"އިޒްރޭލުން ޣައްޒާއަށް ކުރިމަތިކުރި ހައިހޫނުކަމެއް މިއަދަކު ނޯންނާނެ،" އިޒްރޭލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ޣައްޒާގައި ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށްވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ މި ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.
"ހަމާސް އިން ރާވައިގެން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ހައިހޫނުކަމެއް އެބަ އޮތް،" މެންސާ ބުންޏެވެ.
އިޒްރޭލުން މި މޭރުމުން ވާހަކަ ދައްކާފައި ވާއިރު ޣައްޒާގެ ސިއްހީ ބައެއް އޮފިޝަލުން ވަނީ ރަނޅު ކާނާ ނުލިބި އަދި ކާންބޯން ވެސް ނުލިބި މަރުވި ކުދިންގެ އަދަދު މިހާރު 20 އިން މައްޗަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ކުރިން ވެސް ތުހުމަތުކުރާ ގޮތަށް މެންސާ ބުނީ ހަމާސް އިން އެހީގެ ސާމާނު ލޫޓުވައި ހަމަނުޖެހުން އުފައްދައިގެ އެހީގެ މަސައްކަތަށް ހުރަސްއަޅާ ކަމަށެވެ.
އިޒްރޭލުގެ ބެލުމުގެ ދަށުން އެހީގެ ސާމާނު ބަހާ ތަންތަނުގެ ކައިރީގައި މީހުން ގިނަވެ ފިތިގެންނާއި އިޒްރޭލުން ހަމަލާ ދިނުމުގެ ސަބަބުން ކޮންމެ ދުވަހަކުހެން ޣައްޒާގެ އެތައް ބަޔަކު ޝަހީދުވެ އެވެ.