23 ޖުލައި 2025 - 19:40

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލަން ރޭވި، އުމުރުން 70 އަހަރުން މަތީގެ އިޒްރޭލު އަންހެނަކު މީގެ ދެ ހަފްތާ ކުރިން ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.
އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކަން އިން ބުނީ އުމުރުން 70ގެ އަހަރުތައް ގުނަމުންދާ މި އަންހެން މީހާ އަކީ ސަރުކާރާ ދެކޮޅު އެކްޓިވިސްޓެއް ކަމަށެވެ. ތެލް އަވީވްގެ މި މީހާ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ އެހެން ބައެއް މީހުންނާ ބައްދަލުކޮށް ހަތިޔާރު ހޯދަން މަސައްކަތްކޮށްފައި ކަމަށާއި ނަތަންޔާހޫ އުޅޭ ތަންތަނުގެ މައުލޫމާތު ވެސް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
އިޒްރޭލު ފުލުހުން ފަހުން ވަނީ މިއީ ސައްހަ ރިޕޯޓްތަކެއް ކަމަށް ބުނެފަ އެވެ.
މި ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކުރި ކަން އިން ބުނީ ދެ ހަފްތާ ކުރިން އަންހެން މީހާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާ ދޫކޮށްލީ ނަތަންޔާހޫ އުޅޭ ތަންތަނާއި ސަރުކާރު އިމާރާތްތަކާ ކައިރިނުވުމަށް ޝަރުތުކޮށްފައި ކަމަށެވެ.
މީޑިއާގައި ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުން މަނާކޮށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ އަދި ޓެރަރިޒަމްގެ ދައުވާ މި މައްސަލައިގައި ރަސްމީކޮށް އުފުލުން މާދަމާ އޮންނާނެ ކަމަށް ވެސް ބުންޏެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ އެހެން ބައެއް ވެރިން މަރަން އީރާންގެ ޖާސޫސުންނާ ގުޅިގެން މަސައްކަތްކުރި ކަމުގެ ތުހުމަތަށް އިޒްރޭލު މީހަކު މިދިޔަ އަހަރު ވެސް ހައްޔަރުކޮށްފައިވެ އެވެ.